މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ

ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ވަކި ޚާއްސަ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ޤާނޫނީ ފްރޭމްވަރކްގެ ތެރޭގައި ހިމެނަންޖެހޭ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން ބިލު ތަސްދީގުކުރެވުނީމަ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިސްލާމީ ޤައުމެއްގައި އެ އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިަހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުމުުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ