ހުދުމުހުތާރު ވެރިކަމެއް ކުރަން ރައީސް މުއިއްޒަށް ފުރުސަތެއް ނުދޭނަން: މައުރޫފް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ މަގުސަދަކީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށާއި އެފަދަ ވެރިކަމެއް ކުރަން ރައީސް މުހައްމަދު މުއިއްޒަށް ފުރުސަތު ނުދޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުރޫފް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގަން ނިންމާފައިވާ ވޯޓާ ދެކޮޅު ހަދައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - ދެ އިންތިހާބު އެއްކޮށްލަން 4 އޭޕްރީލްގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓާ މެދު ރައްޔިތުން ހޭލުންތެރިކުރަން އުފައްދާފައިވާ އެ ޕާޓީގެ ޓާސްކްފޯހުގެ ވެސް ތަރުޖަމާން މައުރޫފް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުގެ މަގުސަދަކީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށެވެ.
އެއީ، ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީއްސުރެ، ރައްޔިތުންގެ ހައްގުތަކުގެ ތެރެއިން ހައްގަކަށް ފަހު ހައްގެއް ނިގުޅައިގަންނަމުން ގޮސް، ކުރަން ފަށާފައިވާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް މައުރޫފް ސިފަކުރެއްވި އެވެ. އަދި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ކުރާ މަސައްކަތުގައި ފޮރުވިފައިވާ ބައިވަރު އެހެން މަގުސަދުތައް ވެސް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. 
"ނަމަވެސް އެމްޑީޕީއަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މިހާތަނަށް ކޮށްފައިވާ ޕާޓީއެއް. އަދި އަޅުގަނޑުމެން މިތިބީ ރައީސް މުއިއްޒަށް މި ފުރުސަތު ދީގެން މިކަން މި މަގުން ދާން ދޫކޮށްލާކަށެއް ނޫން. އެހެންވެ، މިކަމަށް ހާއްސަ ސަމާލުކަމެއްދީގެން މިކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން މި މަސައްކަތް މި ފެއްޓީ،" މައުރޫފް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ދިގުދެމިގެންވާ ވެރިކަމެއް ކުރަން ކަމަށް ތުހުމަތުކޮށްފަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން އާނއެކޭ ބުނެފި ނަމަ، ރިޔާސީ އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ދެން ނުލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެކަން ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށާއި އޭގެ ތެރޭގައި، އެކަމާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭންތަކުގެ އިތުރުން، އަންނަ މަހުގެ 21ގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ރާއްޖޭގެ ހުރިހާ ރައްޔިތުން އަދި އިސްލާހަށް މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން، އެމްޑީޕީއަށް ތާއީދުކުރައްވާ އެމްޑީޕީގެ އެންމެހާ މެންބަރުން މި ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނެ، ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅާލުމަށް [ސަރުކާރުން] ކުރަމުންދާ މި މަސައްކަތައް ނޫނެކޭ ބުނެ، މި ހަރާކާތްތަކުގައި އަޅުގަނޑުމެންނާ އެކު ބައިވެރިވެ ކުރިއަށް ދިއުމަށް،" މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ