ސޮނާލީގެ މައްޗަށް މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުތަކެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ސޮނާލީ ބެންދްރޭގެ މައްޗަށް, ޕޫނޭގެ ދަނޑުވެރިއަކު މަކަރާއި ހީލަތް ހެދިކަަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ. އެމީހާ ސޮނާލީގެ މައްޗަށް ކޮށްފައިވާ މި ތުހުމަތުތަކަކީ ސޮނާލީ އާއި ބަތަލާގެ ފިރިމީހާ ގޯލްޑީ ބެހްލް، ޕޫނޭގެ މަވާލް ސަރަހައްދުން ގަނެފައިވާ ގާތްގަނޑަކަށް 32،000 އަކަފޫޓުގެ ބިމަކާ ގުޅިގެން، ގަވާއިދާ ހިލާފަށް މަކަރާއި ހީލަތް ހެދިކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކެކެވެ. އެ ސަރަހައްދުގެ ދަނޑުވެރިއެއް ކަމަށްވާ ޗަންދުރަކާންތު ޝިންޑޭ ބުނާ ގޮތުގައި، 1957 ވަނަ އަހަރުން ފެށިގެން އެ ބިމަކީ އޭނާގެ އާއިލީ ތަރިކަ މުދަލެކެވެ. އަދި ސޮނާލީގެ ފިރިމީހާ ގޯލްޑީ އެ ބިން ގަނެފައި ވަނީ އެ އާއިލާގެ ހައްގުތަކަށް އަރައިގަނެ، ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ. ނަމަވެސް، ސޮނާލީގެ ވަކީލުން މި ތުހުމަތުތައް ދޮގުކުރެއެވެ. ސޮނާލީ ބުނާ ގޮތުގައި ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއްގައި ނުވަތަ ބިން ގަނެވިއްކުމުގެ އެއްވެސް ކަރުދާހެއްގައި ޗަންދުރަކާންތު ޝިންޑޭގެ ނަމެއް ނެތެވެ. މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި، މިކަން ކުރަނީ ބަތަލާގެ އަތުން ފައިސާ ހޯދުމުގެ ނިޔަތުގައި ކަމަށްވެސް ސޮނާލީ ބުނެފައިވެއެވެ. ސޮނާލީ ފިރިމީހާ ގޯލްޑީއާ އެކު--ފޮޓޯ/ދަސްޓޭޓްސްމަން މި މައްސަލައާ ގުޅިގެން އެ ދަނޑުވެރިޔާ ވަނީ ވަޑްގާއޮން މަވާލްގެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ޝިންޑޭގެ ޝަކުވާގައި ބުނެފައި ވަނީ، އެ ބިމުގައި ގަވާއިދާ ހިލާފަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އުޅުނު ކަމަށާއި، އެކަމާ ދެކޮޅު ހެދުމުން އޭނާގެ އާއިލާއަށް ބިރުދައްކާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް، މިއީ މަދަނީ މައްސަލައަކަށް ވާތީ ކޯޓަށް ހުށަހެޅުމަށް ފުލުހުން ލަފާ ދީފައިވާ ކަމަށް ޗަންދުރަކާންތު ޝިންޑޭ މީޑިއާގައި ބުނެފައިވެއެވެ. އެހެންވެ ޗަންދުރަކާންތު ޝިންޑޭ ވަނީ އެ ބިމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ. މި މައްސަލައާ ގުޅިގެން ސޮނާލީގެ ވަކީލު ބުނާ ގޮތުގައި، މީގެ ކުރިންވެސް އެ ދަނޑުވެރިޔާ ވަނީ ތަހުސީލްދާރަށާއި ސަބް ޑިވިޜަނަލް އޮފިސަރު (އެސްޑީއޯ)އަށް މި މައްސަލަ އެތައް ފަހަރަކު ހުށަހަޅާފައެވެ. ނަމަވެސް އެ ހުރިހާ ފަހަރަކުވެސް ކޯޓުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ. ޗަންދުރަކާންތު ޝިންޑޭ ހުށަހެޅި މި މައްސަލައިގައި ސޮނާލީ އާއި ފިރިމީހާ ގޯލްޑީގެ އިތުރުން އިތުރު ދެ މީހަކު ޝާމިލުކޮށްފައިވެއެވެ. ކޯޓުން މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ މަހުގެ 20 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ