ކޯޓުތަކުގައި ދުވަސްވީ މައްސަލަތައް ނިންމާ ހާއްސަ ޓާސްކްފޯސް އެކުލަވާލައިފި ކޯޓުތަކުގައި ދުވަސްވީ މައްސަލަތައް ނިންމާ ހާއްސަ ޓާސްކްފޯސް އެކުލަވާލައިފި

ކޯޓުތަކުގައި ދުވަސްވެފައިވާ ހުރި މައްސަލަތައް ނިންމަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އުފައްދެވި ހާއްސަ ޓާސްކްފޯސް އެކުލަވާލައި، މަސައްކަތްތައް ފަށާފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލަން އަބްދުލްޢަނީ ނިންމެވީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުންއަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ޝަރުއީ އަހަރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި, މި ޓާސްކްފޯސް އިއުލާންކުރައްވަމުން، އަބްދުލްޣަނީ ވިދާޅުވީ ފަނޑިޔާރުގޭގެ އެންމެ އިސް ވާޖިބަކީ އަވަހަށް މައްސަލަތް ނިންމުން ކަމަށެވެ. މިހެން ނަމަވެސް މިހާރު ވެސް ކޯޓުތަކުގައި ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލައެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެ އިސްކަމެއް ދީގެން އަޅުގަނޑު ކުރަން ބޭނުންވާ ކަމަކީ މި ދެންނެވި 13،032 މައްސަލައިގެ އިންސާފު އަވަސްކަމާއެކު ގާއިމުކުރުން." އަބްދުލްޣަނީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޓާސްކްފޯސް އެކުލެވިގެންވަނީ އެކި މަރުހަލާތަކުގެ ކޯޓުތަކުން ތަމްސީލުވާ ގޮތަށް ހިމެނޭ ނުވަ މެންބަރުންގެ މައްޗަށް ކަމަށް އެ ކޯޓުން ބުންޏެވެ. ނަމަވެސް އެ މެންބަރުންނަކީ ކޮބައި ކަމެއް ބަޔާނުގައި ނެތެވެ.
މައްސަލަތައް ނިންމާ ޓާސްކްފޯސްގެ މަގުސަދަކީ، ނުނިމިހުރި މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަ އަވަހަށް ނިންމަން މަގުފަހިކޮށްދިނުން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އަބްދުލްޣަނީ ވަނީ މި އަހަރު ނިމުމުގެ ކުރިން ބެކްލޮގް ސާފުކުރަން އަމާޒު ހިއްޕަވާފަ އެވެ. އަދި، މި މަސައްކަތުގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ނުވަތަ "ވާނުވާ" ގައި ތިބި މީހުންގެ މައްސަލަ ހައްލުވެގެން ދާނެ ކަމަަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ