ވޯޓުލާ ބޫތުތަކަށް ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ: އެޗްއާރްސީއެމް

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޫތުތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ދެވަނަ ބުރުގައި ގިނަ ކަންތައްތަކެއް އީސީ އިން ރަނގަޅުކޮށްފައިވާ ކަމަށެވެ.
އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި ވޯޓްލާން ދާ މީހުންނަށް ފަސޭހަކުރުމުގެ އިތުރުން އިދާރީ މަސައްކަތްތައް ވެސް ކުރިއަށްވުރެ ފުރިހަމައަށް ދިޔަކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކުރިން 8 އޮފިޝަލުން ހަރަކާތްތެރިވި މަރުކަޒުތަކުގައި އޮފިޝަލުންގެ އަދަދު 11 އަށް އިތުރުކޮށްފައިވާކަން ފާހަގަކުރެއްވިއިރު، ފުރަތަމަ ބުރުގައި 63 މަރުކަޒެއްގައި ގަޑިއަށް ވޯޓުލާން ނުފެށި ދިޔަނަމަވެސް ދެވަނަ ބުރުގައި ހުރިހާ ފޮއްޓެއްގައި ވެސް ގަޑިއަށް ވޯޓްލާ ފެށި ގަޑިއަށް ވޯޓްލުން ނިމުނުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މައްސަލަތަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ޖެހުނު ނިސްބަތް މަދުކަން ވެސް މުނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ބައެއް ފޮށިތައް ކައިރީ ހަރަކާތްތެރިވަމުންދިޔަ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑު ހުރި ގޮތާއިމެދު ކަންބޮޑުވާ ކަމަށާއި އެގޮތުން ކައިރިން ފޮޓޯ ނެގުމާއި، އަޑުގަދަކޮށް ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވުން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވޯޓްލާ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ކެމްޕެއިން ކުރުމުގެ ގޮތުން މީހުންނާއި ބައްދަލުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް މުނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ