ގެވެށި އަނިޔާއަކީ އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވެ، ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ މި މުޖްތަަމައުގައިވެސް އާންމު ވަމުންދާ "ގެވެށި އަނިޔާ" މި މައުލޫގެ މައްޗަށެވެ. އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ.
އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސްކަމުގައިވާ އޯގާވެރިކަމާ އަރައިރުންވުން ކަމަށާއި މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުހްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނަން ޖެހޭ ކަމަށެވެ.
ކީރިތި ރަސޫލާ ވެސް ދުވަހަކު އަންހެނެއްގެ ގައިގައި ޖައްސަވައިފައި ނުވާކަމަށާއި އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރައްވައިފައިވާ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ.
އަދިަ ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތުކުރަނީ އަހުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ކަމަށާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ނަމަވެސް މި ގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމަށް ވެއެވެ.
ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި ހަގީގަތުގައި ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި އެއީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަށާއި ހަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި، ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ހުތުބާގައި ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.
ގެވެށި އަނިޔާއަކީ ގޭތެރެ ނާމާންވެ ހިތްހަމަޖެހުން ނެތިދާ ކަމެއް، މިފަދަ ކަންކަމުން ދުރުވޭ: ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ