އޭޝިއަން ނެޓްބޯޅް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމް ލަންކާގައި ކޭމްޕްކޮށްފިއެވެ.
މި ކޭމްޕުގެ ބޭނުމަކީ އިންޑިއާގެ ބެންގަލޫރުގައި މިމަހު ބާއްވާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގެ ކުރިން ޓީމުގެ ހާލަތު ރަނގަޅުކުރުމެވެ. އަދި ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގެ މެޗުތަކެއް ހޯދައިދިނުމެވެ.
މުބާރާތުގެ ކުރިން ގައުމީ ނެޓްބޯޅަ ޓީމު ލަންކާގައި ކޭމްޕުކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. މާދަމާގެ ނިޔަލަށް ގައުމީ ޓީމު ލަންކާގައި ކޭމްޕުކުރާނެ އެވެ. މި ކޭމްޕުގެ ތެރެއިން އެކުވެރިކަމުގެ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިހާތަހަށް ފަސް މެޗު ވަނީ ކުޅެފައެވެ. އެ ފަސް މެޗުންވެސް ރާއްޖެ ވަނީ މޮޅުވެފައެވެ.
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ގައުމީ ނެޓްބޯލް ޓީމުގެ ހެޑް ކޯޗު ނީޝާ ހަލީމް ބުނީ މި މެޗުތަކާއެކު ޓީމަށް ގިނަ ފަައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކުރިއަށްހުރި މުބާރާތްތަކުގައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ލިބުނު ކަމަށްވެސް ކޯޗު ނީޝާ ބުންޏެވެ.
"މި މެޗްތައް ކުޅެން ފުރުސަތު ލިބުމުގެ ސަބަބުން ޕްރެކްޓިސްތަކުގައި ހެދި ސްޓްރެޓެޖީސްތައް މަސައްކަތް ކުރޭތޯ ބެލުމުން ކުރިޔަށްހުރި މުބާރާތްތަކަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށް ފުރުސަތުލިބޭ، މި ޓީމްތަކަކީ ތަފާތު ސިސްޓްމްތަކަކަށް ކުޅޭ ޓީމުތަކަށް ވުމުން އެކި މެޗްތަކުގައި އެކި ގޮތަށް ޓީމު ބައްޓަންވުމަށް ކުޅުންތެރިންނަށް ދަސްވެގެންދާނެ" ނީޝާ ބުންޏެވެ.
ރާއްޖޭގެ ނެޓުބޯޅައިން ވަނީ އޭޝިއާގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 10 ވަނައިގައި މީގެކުރިން އޮތް ރާއްޖެ ވަނީ 2022 ވަނަ އަހަރު ރޭންކިންގެ ހަތްވަނައަށް ޖެހިލާފައެވެ. އެއާއެކު މި މުބާރާތުގައި އެންމެ ބޮޑު ޓާގެޓަކީ ރާއްޖޭގެ ރޭންކިން ރަނގަޅުކުރުން ކަމަށް ކޯޗު ބުންޏެވެ.
ޖުމްލަ 12 ކުޅުންތެރިން ސްކޮޑުގައި ހިމެނޭއިރު ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ހަމްނާ އަބްދުއްރަހުމާނެވެ. ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މަރްޔަމް ޝިނާއަތެވެ.
އޮކްޓޯބަރު 18-27 ގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސިންގަޕޫރު، ޗައިނީސް ޓައިޕޭ އަދި ބަހްރެއިނެވެ.
އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު ލަންކާގައި ކޭމްޕުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ