މިއަހަރު އެންމެ ވަގުތު ރޯދައަށް ތިބެންޖެހެނީ 18 ގަޑިއިރު، ގިނަ ގައުމުތަކަށް މަދާމާ ރޯދަ!

ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައި ބުރާސްފަތި ދުވަހު، މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހިފަން ފަށާނެއެވެ.
ރަމަޟާންމަހުގެ ރޯދަޔަކީ އިމްސާކް ވަގުތުން ފެށިގެން އިރު އޮއްސުމާ ދެމެދުގެ ވަގުތުގައި ކެއިން ބުއިމާއި އެނޫންވެސް، ރޯދަ ގެއްލިދާނެކަމަށް އިސްލާމީ ހުކުމްތަކުގައި ކަނޑައަޅާފައިވާ ކަންކަމާ ދުރުހެލިވެ ތިބޭ ތިބުމެވެ. ފަތިސް ނަމާދުން ފެށިގެން މަޣްރިބް ނަމާދާ ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއި ހޭދަކުރާ ވަގުތެކެވެ.
ވަރަށް މަދު ހާލަތެއް މެދުވެރިވެގެންނޫނީ، ހުރިހާ މުސްލިމުން ރަމަޟާންމަހުގައި ރޯދަ ހިފުމަކީ ވާޖިބު ކަމެކެވެ. ރޯދަ ނުހިފައި ދޫކޮށްލެވިދާނެ މަދު ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ބައްޔެއްގެ ސަބަބުން، މައްސަރު ކަންތައް ލައިގަތުން، ދަތުރުފަތުރު، އުމުރުން ދުވަސްވުން އަދި ކުޑަކުދިންކަމުގައި ވުމެވެ.
މުޅި ދުނިޔޭގެ ހުރިހާ ބިތެއްގައިވެސް މުސްލިމުން ދިރިއުޅެމުން ގެންދެއެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ރޯދަ ހިފުމުގައި، އެމީހަކު ހުރި ހިސާބެއްގެ ސަބަބުން ރޯދަ ހިފާންޖެހޭ ވަގުތުގެ ދިގު މިނަށާއި، ކުރުމިނަށް ބަދަލުއާދެއެވެ. އެކަން ބިނާވަނީ އެ ގައުމަކަށް އިރު އަރައި އޮއްސޭ ވަގުތެއްގެ މައްޗަށެވެ.
ސައުދީ އަރަބިއްޔާއަށް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާޗްމަހުގެ 23 ވާ ބުރާސްފަތި ދުވަސްކަމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އިއުލާންކޮށްފައި ވެއެވެ. ގަތަރަށްވެސް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ.
ފަލަސްތީނާއި މިސްރަށްވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަހެވެ.
މިއަހަރުގެ ރަމަޟާންމަހުގައި ބައެއް ގައުމުތަކުގެ ރައްޔިތުން 12 ގަޑިއިރު އަދި 18 ގަޑިއިރުވެސް ރޯދަހިފަން ޖެހޭގޮތް ދިމާވެއެވެ.
މިއަހަރު އެންމެ ގިނަވަގުތު ރޯދަހިފަންޖެހެނީ ގްރީންލެންޑްގެ ނޫކް ސިޓީއާއި، އައިސްލެންޑްގެ ރޭކިއަވިކް ސިޓީގެ މުސްލިމުންނެވެ. އެއީ 18 ގަޑިއިރާއި، 12 މިނެޓެވެ.
ދެން އެންމެ ގިނައިރު ރޯދަހިފަން ޖެހެނީ ފިންލެންޑްގެ ހެލްސިންކީ، ސްވިޑަންގެ ސްޓޮކްހޯމް އަދި ސްކޮޓްލެންޑްގެ ގްލާސްގޯގެ މުސްލިމުންނެވެ. އެއީ، 17 ގަޑިއިރާއި 48 މިނެޓް، 17 ގަޑިއިރާއި 39 މިނެޓް އަދި 17 ގަޑިއިރާއި 21 މިނެޓެވެ.
ޔޫރަޕްގެ ގައުމުތަކުން ފެށިގެން، މެދުއިރުމައްޗާއި، އޭޝިޔާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ މުސްލިމުން 16 ގަޑިއިރުން ފެށިގެން 13 ގަޑިއިރާ ދެމެދުގެ ވަގުތު ރޯދައަށް ތިބެންޖެހެއެވެ.
މިއަހަރުގެ ރަމަޟާންމަހު އެންމެ މަދު ވަގުކޮޅަކަށް ރޯދައަށް ތިބެންޖެހެނީ، ނިއުޒީލެންޑްގެ ކްރިސްޗާޗްގެ މުސްލިމުންނެވެ. އެއީ، 12 ގަޑިއިރާއި 17 މިނެޓްވަންދެންނެވެ. ޗިލީގެ ޕުއޭޓޯ މޮންޓްގެ މުސްލިމުން 12 ގަޑިއިރާއި 18 މިނެޓް، އުރުގުއޭގެ މޮންޓެވީޑިއޯގެ މުސްލިމުން 12 ގަޑިއިރާއި 26 މިނެޓް، އޮސްޓްރޭލިއާގެ ކޭންބަރާގެ މުސްލިމުން 12 ގަޑިއިރާއި 27 މިނެޓް އަދި ދެކުނު އެފްރިކާގެ ކޭޕް ޓައުންގެ މުސްލިމުން ރޯދައަށް ތިބެންޖެހެނީ 12 ގަޑިއިރާއި 30 މިނެޓަށެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސަރަހައްދުގައި ރަމަޟާންމަހުގެ ކުރީކޮޅު 13 ގަޑިއިރަށްވުރެ ގިނައިރު ރޯދަ ހިފަން ޖެހޭއިރު، ރޯދަމަހުގެ ފަހުކޮޅު ވަގުތަށް ބަދަލު އާދެއެވެ.
ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް، މާލެ ސަރަހައްދާއި، އަތޮޅު ތެރޭގައި ރޯދަ ހިފައި، ރޯދަ ވީއްލާ ވަގުތަށް ބަދަލުއާދެއެވެ.
ރަމަޟާންމަހަކީ އަޅުކަމާއި، ހެޔޮ އަމަލުތަކުގެ މައްސަރެވެ. ދީލަތިކަން އިސްކޮށް ތިމާގެ އަމިއްލަ ނަފްސު ޠާހިރުކުރަން ލިބޭ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ