ގުރައިދޫ ދާއިރާގެ ޒުވާން ޖީލު އެދޭ ބަދަލާއި ހުވަފެނުގައި ކުލަޖައްސައިދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް ޝާޒް ވިދާޅުވެއްޖެވެ.
އެޖެންޑާ 19 އެމްޑީޕީގެ ގުރައީދޫ ދާއިރާގެ ކެމްޕޭން ލޯންޗް ކުރުމަށް ރޭ ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާޒް ވިދާޅުވީ ގުރައިދޫ ދާއިރާގައި ކުރިއަރާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ލާބަ ހޯދައިދެވޭނީ އޭނާއަށް ކަމަށެވެ.
އަދި ހުނަރުވެރި ހިވާގި ޒިންމާދާރު ޒުވާނުން ގުރައިދޫ ދާއިރާގައި ތިބި އިރު އަދާކުރާނެ ވަޒީފާއާއި ކުރާނެ މަސައްކަތްތަކުގެ އުންމީދުތައް ވަރަށް ބޮޑު ކަމަށް ފާހަގަ ކުރައްވާ ޝާޒް ވިދާޅުވީ އެ ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނެ ކެންޑިޑޭޓަކީވެސް އޭނާ ކަމަށެވެ.
އެމްޑީޕީ ޓީކެޓްގައި ގުރައިދޫ ދާއިރާއަށް ވާދަކުރަނީ ދާއިރާގެ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަސައްވަރު އަދިވެސް ރައްޔިތުންނާއި ގާތް ކުރުމަށް ކަމަށް އެދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޝާޒް ވިދާޅުވިއެވެ.
މާލެއާއި ކައިރީގައި އޮތް ނަމަވެސް ގުރައިދޫ ދާއިރާގެ ރަށްތަކަށް އަންނަ ކުރިއެރުން ކުރިން އޮތީ ހިފަހައްޓާފައި އޮބަހައްޓާފަ ކަމަށާއި ސިޔާސަތުތަކަށް ގެނައި ބަދަލުން މި ރަށްތައް ދުއްވައިގެން ގޮތް ކައިރިން ދެކެމުންދާ ކަމަށް ޝާޒް ވިދާޅުވިއެވެ.
ގުޅި ކުޑަވެގެން ކުރީ ސަރުކާރުތަކުން އޮތީ ގުޅީގެ ތުން ބަނދެ ގޮތް ޖަހާފަ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅީގެ ތުން މޮހާދެއްވާ، މާފުއްޓާއި ގުރައިދޫ އާއި ގުޅި މިދަނީ އިރާދުކުރެއްވިއްޔާ މުޅި ދުނިޔެއަށް ހުޅުވާލަމުން.
މުޅި ރާއްޖެއަށް ބެލި ނަމަވެސް އެއް އިދާރީ ދާއިރާއަކަށް ބިން އިތުރުވުމުގެ ރިކޯޑު މި އޮތީ ގުޅި ގުރައިދޫ މާފުށި ދާއިރާގައި ކަމަށްވެސް ޝާޒް ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި ތަރައްގީ ހިންގަނީ ސައިޒަށް ނުބަލާ، ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ޝާޒް ވިދާޅުވިއެވެ.
ކުރިން ހިތަށްވެސް ނާރާ އެތައް މަޝްރޫއެއް އަތޮޅުތެރޭގައި އެބަ ހިންގާ ކަމަށާއި، މަޝްރޫއުތައް ނިމުމުން އޭގެ ލާބަ ދަނީ ރައްޔިތުންނަށް ލިބެމުން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވާ ޝާޒް ވިދާޅުވީ، ކޮވިޑް 19ގެ ދަތިކަމާއެކު ރައްޔިތުންގެ ނަސީބަކަށްވީ ކެތްތެރި ބަސްމަދު ހިކުމަތްތެރި އަމަލު ގިނަ ވެރިއަކު ގައުމަށް ލިބިފައިވުން ކަމަށާއި، ދުނިޔެއަށް މިސާލު ދައްކަމުން ރާއްޖެ މިވަނީ އެ ދަތި ހާލުން އަރައިގަނެވިފައި ވުން ކަމަށެވެ.
އަދި އެ ދަތި ދެ އަހަރާއި އެކުވެސް ގުރައިދޫ ދާއިރާއަށް ތަރައްޤީ ގެނެވިއްޖެ ކަމަށާއި، އައިސްފައިވާ ހެޔޮ ބަދަލު ކައިރިފެންނަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަދި ރަށްފުށުގެ އެންމެ ބޮޑު ގޮންޖެހުމަކީ ބިން ފުރުން ކަމަށް ފާހަގަ ކުރައްވާ ޝާޒް ވިދާޅުވީ މާފުއްޓާއި ގުރައިދޫއަށް މިހާރު ވަނީ ބިމުގެ ދަތިކަން ހައްލުވެ ކޮންމެ ރަށަކަށް ޕިކްނިކް އައިލެންޑެއްވެސް ލިބިފައިވާ ކަމަށެވެ.
ދެން އޮތީ ގުޅި ކަމަށާއި، ގުޅި ބިން ހިއްކުމަށްވެސް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށާއި، ލަސްތަކެއް ނުވެ ގުޅި ބޮޑުވާނެ ކަމަށް ޝާޒު ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ޒުވާނުން އެދޭ ބަދަލާއި ހުވަފެނުގައި ކުލަޖައްސައިދެވޭނީ އެމްޑީޕީއަށް: ޝާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ