އޭނާގެ ވެރިކަމެއްގައި ކަތިވަޅިއާއި ވަޅި ހިފައިގެން ފިހާރަތަކަށް ވަދެ ހަމަލާދީ ނުހެދޭނެ ކަމަށާއި އެފަދަ މީހުންގެ ގަޔަށް ފުލުހުން ބަޑި ޖަހާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އުމަރު ރޭ ވިލިމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ, ރާއްޖޭގައި ފުލުހުންނަށްވުރެ ގޭންގުތަކުގެ ބާރު ގަދަވެއްޖެ ކަމަށެވެ.
އަދި އެ މީހުން ތަންތަނަށް ވަދެ ހަމަލާދީ, މީހުން މަރަމުންދާއިރު, ގޭންގުތަކުގެ މާރާމާރީތަކުގައި މިދިޔަ 10 އަހަރު ތެރޭ 70 މީހުން މަގުމަތީގައި މަރާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ, ގޭންގު މާރާމާރީތަކަށް ފިޔަވަޅު އެޅުނު އަދި އަޅަން އެނގުނު ސަރުކާރެއް ނެތް ކަމަށާއި ނަމަވެސް އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އަމަންއަމާންކަން ނަގަހައްޓާނެ ކަމަށެވެ. އަދި އެކަން ކުރާނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަމަން ނަގަހައްޓާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ބާވަތުގެ (މާރާމާރީ) ކަންކަމެއް ނުކުރެވޭނެ. މިހެން ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަ ފިހާރައަށް ވަންނަ ކަމަށްވަންޔާ ފުލުހުން ޝޫޓް ކުރާނެ. ފުލުހުން ޝޫޓު ކުރާނެ އެކަހަލަ މީސް މީހުންގެ ގަޔަށް,” އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި އިރު, މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ފިހާރައެއްގެ ތެރެއަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަދެ, ވަނީ ގެއްލުންދީފަ އެވެ. އަދި ރޭގެ ވަގުތެއްގައި މާލޭގެ ފިހާރައެއްގެ ތެރެއަށް ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ, އެތަނުގެ ތެރޭގައި ހުރި 30 އަހަރުގެ މީހަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ކަތިވަޅި ހިފައިގެން ނޫޅެވޭނެ, ފުލުހުން ބަޑި ޖަހާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ