ފާތުމަތު ލޮރީފާ، ޔޫކޭޖީގައި ކިޔަވާ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ފަތިހު 5 ޖަހާއިރު ތެދުވެ އެވެ. ދަރިފުޅު ބޮޑާހާކައި ކިތަންމެ ވަރަކަށް ރުޔަސް، 6:30ގައި ފުރާ ޑިންގީއަށް ލައްވާލާނީ އެހާއިރު ތެދުވެގެން ކަމަށް ވާތީ އޭނާއަކަށް އިތުރު ގޮތެއް ނޯވެ އެވެ. އެއީ ލޮރީފާގެ ދަރިފުޅާ އެކު ބ. ގޮއިދުއަށް ކިޔަވަން ދާ އެ އަތޮޅު ފެހެންދޫގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުންގެ ވެސް ހާލެވެ.
އެކަމަކު މިއަދު އެކަން ބަދަލު ވެއްޖެ އެވެ.
ބަންދުކޮށްފައި ހުންނަތާ 14 އަހަރަށް ފަހު، ފެހެންދޫ ސްކޫލުގެ ދޮރު މިއަދު ހުޅުވާލީ އެވެ. ކުރިން ބޮއްކުރަލުގައި، ޑިންގީގައި ނޫނީ ކުޑަ ލޯންޗެއްގައި ކޮންމެ ދުވަހަކު ގޮއިދޫ ސްކޫލަށް ދިޔަ ދަރިވަރުން، މިއަދު އެ ކުދިންގެ އަމިއްލަ ރަށުގެ ސްކޫލަށް ދާން ފެށީ އެވެ. ސަރުކާރުން ތައާރަފް ކުރި ސެޓެލައިޓް ސްކޫލާ އެކު، ފެހެންދުއަށް މިއަދު ދިރުން އަތުވެއްޖެ އެވެ.
"ހަގީގަތުގައި ވެސް ނޭނގެ ބުނާނެ އެއްޗެއް. ވަރަށް އުފާވެއްޖެ މިއަދު،" ދަރިފުޅު ސްކޫލަށް ލުމަށް ފަހު ގެއަށް އައިސް އިން، ތިން ކުދިންގެ މަންމަ ބުންޏެވެ.
"އަމިއްލަ ރަށުގެ ސްކޫލުގެ ބެޖު ޖެހި ޔުނީފޯމުގައި ސްކޫލަށް ދިއުމުގެ ފުރުސަތު މި ލިބުނީ އެތައް އަހަރެއް ފަހުން."
ފެހެންދޫގެ އިތުރުން ދެން މިއަދު ހުޅުވީ ވ. ތިނަދޫގެ ސްކޫލެވެ. ސްކޫލު ހިންގި އިމާރާތް ފަޅަށް ހުންނަތާ 15 އަހަރު ފަހުން، އެ ސްކޫލަށް މިއަދު ފަސް ކުދިން ދިޔަ އެވެ.
މިއީ މީގެ ކުރިން މުޅިން ވެސް ރަށުން ބޭރުގައި ކިޔަވަން ތިބި ކުދިންނެވެ.
ސެޓެލައިޓް ސްކޫލުގެ އާއްމު ކޮންސެޕްޓަކީ އެހެން ސްކޫލަކުން އޮންލައިންކޮށް ކުރިއަށް ގެންދާ ކްލާސްތަކުގައި ދަރިވަރުން ބައިވެރިވުން
ފެހެންދޫ ސްކޫލުގައި ކިޔަވާ ގްރޭޑް އަށަކުން ދަށުގެ 13 ދަރިވަރުން ކިޔަވަނީ، މާލޭގެ ހުރަވީ ސްކޫލުގެ ޓީޗަރުންނާ އެކު
ކްލާސްތައް އޮންލައިންކޮށް ނަގައިދޭއިރު، އެކަމަށް ހާއްސަ ޓީޗަރުން ހުރަވީ ސްކޫލުގައި ތިބެ؛ ކޮންމެ ގްރޭޑެއްގެ ދަރިވަރުންނަށް ވަކި ޓީޗަރުން ތިބޭނެ
އަމިއްލަ ރަށުގައި، އަމިއްލަ ސްކޫލުގައި ތިބެގެން، އެ ކުދިން ދެން ކިޔަވާނީ ހުރަވީ ސްކޫލުގެ މޮޑިއުލަށް، އެ ތަނުގެ ޓީޗަރުންގެ އެހީގައި
ތިނަދޫ ސްކޫލުގައި ރަސްމީކޮށް މިއަދު ކިޔަވައި ނުދިން ނަމަވެސް އެ ކުދިން ވެސް ކިޔަވާނީ ހަމަ މި ކޮންސެޕްޓަށެވެ.
ފެހެންދޫ ސްކޫލުގެ ކައުންސިލް މެމްބަރު އައިމިނަތު އާސިފާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރަނގަޅު ފެށުމެކެވެ. ކުޑަކުޑަ ކުދިންތަކެއް، ކޮންމެ ދުވަހަކު ކަނޑު ދަތުރެއް ކޮށްފައި ތައުލީމް ހާސިލްކުރުމަށް ވުރެ އަމިއްލަ ސްކޫލެއްގައި، އޮންލައިންކޮށް ކިޔަވައިދިނުމާ މެދު އޭނާ މާ ހިތްހަމަޖެހިވަޑައިގަންނަވަ އެވެ.
އާސިފާ ވިދާޅުވީ މި ދެ ދުވަހު ދަރިވަރުންނަށް ފަރިތަކޮށްދެނީ، އޮންލައިން އެ ސިސްޓަމަށް ހޭނުމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.
ސަރުކާރުން ސެޓަލައިޓް ސްކޫލުތައް މި ތައާރަފް ކުރީ، އާބާދީ މަދުވެގެން އެ ރަށްރަށުގައި ބަންދުކޮށްފައި ހުރި ސްކޫލުގެ ދެ ކްލާސްރޫމާއި ފާހާނާތައް އަލުން މަރާމާތުކޮށްގެންނެވެ.
މިއަދު ލޮރީފާ، އޭނާގެ ދަރިފުޅު އެހާ ފަތިހަކާ އެނދަކުން ނުނަގަ އެވެ.
ދަރިފުޅު ސްކޫލަށް ގެންދިއުމުގެ ކުރިން، އޭނާ އާއި އެކުވެރި އެހެން ބެލެނިވެރިން ސްކޫލު ދޮށަށް ގޮސް އެ ތަން ކުނި ކަހައި ކްލާސްތައް ފޮޅައި ސާފުކުރި އެވެ. އެކަމަށް މަސައްކަތު މީހެއް ހުރި ކަމުގައި ވިޔަސް، ވެފައިވާ އުފަލެއްގެ ބޮޑުކަމުން ބެލެނިވެރިން ބޭނުންވީ މިއަދު އެކަން އެ މީހުންގެ އަމިއްލަ އަތުން ކުރާށެވެ.
"ގެއަށް އައިސް ދަރިފުޅު ސްކޫލަށް ގެންދަން ތައްޔާރުކުރަން ހެދީމައި އެ ކުއްޖާ ވެސް ބުނަނީ ކީއްވެހޭ މަންމަ މިއަދު އަވަސް ކުރަން ނުކިޔަނީ. ޑިންގީއަށް ނުދެވިދާނޭ ކިޔަނީ،" ލޮރީފާ ކިޔައިދިނެވެ.
"އަޅުގަނޑު ބުނެދިނިން، ދެން ޑިންގީގައި ސްކޫލަށް ދާކަށް ނުޖެހޭނެއޭ، ދެން ދާނީ ފެހެންދޫގެ ސްކޫލަށޭ. ދަރިފުޅަށް ދެން ހަމަ އުފާވެގެން ހެވެނީ."
ފެހެންދޫ ސްކޫލު، 2008ގައި ބަންދުކުރި އިރު، އޭނާއަކީ އެ ރަށުގެ ޕްރީ ސްކޫލުގެ ޓީޗަރެކެވެ. ސްކޫލު ބަންދުކުރުމުން، ދަރިވަރުންނަށް ކިޔަވައިދިނުމަށް އޭނާ ދެން ބަދަލުވީ އެ އަތޮޅު އޭދަފުއްޓަށެވެ. މީގެ ހަތަރު އަހަރު ކުރިން ރަށަށް އެނބުރި ހިޖުރަކުރުމުން، އެ ރަށުގެ އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް، ދެން އެންމެ ހަގަށް ހުންނަ ދަރިފުޅު ގެންދަން ޖެހުނީ ގޮއިދޫ ސްކޫލަށެވެ.
އޭނާ ބުނި ގޮތުގައި، ކޮންމެ ދުވަހަކު ކުޑަކުދިންތަކެއް ގޮވައިގެން ކަނޑުދަތުރު ކުރުމަކީ ބިރުވެރި ތަޖުރިބާ އެކެވެ. އެންމެ ކުރިން، އެ ރަށުގެ ދަރިވަރުން ގޮއިދުއަށް ދިޔައީ ކުޑަ ބޮއްކުރައެއްގަ އެވެ. ފަހުން ޑިންގީއެއްގަ އެވެ. ދޭހާ އަތްވެއްގައި ވެހޭހާ ވާރެއެއްގައި، ބައެއް ފަހަރު ލޮނާ ތެމިގެން ދަރިވަރުން ތައުލީމަށް ކުރާ އެ ދަތުރު ލޮލުގައި އަޅައިގަނެ، ވަރަށް ފަހުން ސަރުކާރުން ވަނީ އެ ކުދިންގެ އެ ދަތުރަށް ލޯންޗެއް ހާއްސަކޮށްފަ އެވެ.
އެކަމަކު، މޫސުން ގޯސް އިރު، ކަނޑުމަގުން ދަތުރުކުރުމަކީ ލޯންޗުގައި ވެސް ފަސޭހަކަމެއް ނޫން ކަމަށް ލޮރީފާ ބުންޏެވެ.
"ބައެއް ފަހަރު ކަނޑުގަދަކަމުން އަޅުގަނޑުމެންނަށް ވެސް ރޮވޭ. އެހެން، ދަތުރުމަތީގައި ވަރަށް ގިނަ ކުދިން ވެސް ރޯނެ،" އޭނާ ބުންޏެވެ.
ދަރިވަރުން ސްކޫލަށް ގެންދިއުމަށް ފަހު، އިންޓަވަލް ދޭން ދިއުމާއި އިތުރު ގަޑީގެ ހަރަކާތްތަކާއި ކުދިން ސްކޫލުން ބަލާދިއުމަކީ ވެސް ބެލެނިވެރިން ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު އުފުލަން ޖެހޭ ތަކުލީފެކެވެ.
އެހެންވެ މިއަދު، ފެހެންދޫ ސްކޫލުގެ ދޮރު އަލުން ހުޅުވާލައި ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަކީ ބެލެނިވެރިންނާއި ދަރިވަރުންގެ އެ ތަކުލީފަށް އައި ނިމުމެކެވެ. ފެހެންދޫގެ ރައްޔިތުން މިއަދު ތިބީ އުފަލުންނެވެ. ދެން އެ ދަރިވަރުން ކިޔަވާނީ އަމިއްލަ ރަށުގައި، އަމިއްލަ ސްކޫލުގަ އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ޒަރީރް ވިދާޅުވީ އެ ރަށުގެ ސްކޫލު، މީގެ 15 އަހަރު ކުރިން ބަންދުކުރުމުން، ރަށަށް ބޮޑު ނިކަމެތިކަމެއް ލިބުނު ކަމަށެވެ. ކިޔަވައިދިނުމަށް ބެލެނިވެރިން ކުދިން ގޮވައިގެން އެހެން ރަށްތަކަށް ބަދަލުވުމުން، އެ ތަން ބަދަލުވީ ކުޑަކުދިން ނެތް ތަނަކަށެވެ. ރަށްރަށުގައި ކުއްޔަށް ހިފައިގެން ތިބުންވީ އެ ބެލެނިވެރިންނަށް މާލީ ގޮތުން ވެސް ކުރިމަތިވި ގޮންޖެހުމަކަށެވެ.
ޒަރީރް ވިދާޅުވި ގޮތުގައި، މިހާރު އެ ރަށަށް ދިރުން އައީ އެވެ. ޓޫރިޒަމްގެ ގޮތުން ކުރިއަރާފައިވާ މި ރަށުން ހިޖުރަކުރި އާއިލާތައް، ދެން ރަށަށް އެނބުރި އަންނާނެ އެވެ. ދެން މަގުމަތިން ކުޑަކުދިން ފެންނާނެ އެވެ. އެހެންވެ، މިއަދު ލިބުނު އުފާ، ދުލުން ބަޔާން ކުރަން ވެސް އޭނާއަށް ދައްޗެވެ.
ސެޓަލައިޓް ސްކޫލް: 15 އަހަރަށް ފަހު ތިނަދު އާއި ފެހެންދުއަށް ދިރުން އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ