ތައުލީމީ ދާއިރާ އަށް ބަހާރު މޫސުން އަތުވެއްޖެ

ތައުލީމީ ދާއިރާ އަށް ބަހާރު މޫސުން އައިސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސްކޮށްފި އެވެ.
ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް އައިސްފައިވާ ބަހާރު މޫސުމުގެ އެއް ސިއްރަކީ އިޖުތިމާއީ ހަމަޖެހުމާއި ހިމޭންކަން ކަމަށެވެ.
2021-2022 ވަނަ އަހަރުގެ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބޭއްވި ޖަލްސާގެ ދެވަނަ ދަންފަޅި. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން. pic.twitter.com/E5KzhjiZDr
— Ministry of Education (@MoEdumv) May 18, 2023
އެއް މިސްރާބަކަށް ތައުލީމީ އޮޑި ދުއްވުމަށް ސިޔާސީ އަދި އިދާރީ ހަމަހިމޭންކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކަމަށާއި ތައުލީމީ ދާއިރާއަކީ ކުއްލި ކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަދަރުސާއެއްގެ ގްރޭޑް އެކެއްގެ މަންހަޖަށް ގެންނަ ބަދަލު ފެންނަނީ އޭގެ 10 އަހަރު ފަހުން ކަމަށާއި އޭގެ ބަދަލު ފެންނާނީ ގްރޭޑް އެކަކަށް ވަންނަ ދަރިވަރުން ސާނަވީ އިމްތިހާންތައް ނިންމުމުން ކަމަށް ވިދާޅުވި އެވެ.
އަދި ސިޔާސީ ހިމޭންކަމާއި އިޖްތިމާއީ ހަމަޖެހުމަކީ ގައުމެއްގެ ތަރައްގީގެ ސިއްރު ކަމަށާއި، ތައުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް ވެސް ދެމި އޮންނާނީ ސިޔާސަތު އަވަސް އަވަހަށް ބަދަލުނުވާނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
pic.twitter.com/kLaiD5mvD3
— Ministry of Education (@MoEdumv) May 18, 2023
މީގެ އިތުރުން މިނިސްޓަރު ވަނީ ފޮތްތެރި ތައުލީމަށް ބަރޯސާވުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަން ފާހަގަކޮށް ހުރިހާ ދަރިވަރުން ވެސް އަތްތެރި ކޮންމެވެސް ދެ މަސައްކަތެއް ދަސްކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
"20 ވަނަ ގަރުނުގައި ރާއްޖޭގަ އުފެދުނު އެންމެ ފާގަތި އެއް އިލްމުވެރިއަކީ ހުސައިން ސަލާހުއްދީން. އެމަނިކުފާނަށް އުނގަންނަވައިދެއްވި އެއް އެދުރަކީ އައްޑުއަތޮޅު މީދޫ ދޮންބެއްޔާ. ސަލާހުއްދީން ލިޔުއްވާފައިވާ ފޮތެއްގައި އޮވޭ ދޮންބެއްޔާގެ އެއް ނަސޭހަތް. ކޮންމެ ކުއްޖަކުވެސް ރަށުގެ ރައްޔިތުންނަށް ބޭނުންވާ، ބޭނުން ހިފޭފަދަ، އަތުން ފައިން ކުރާ ކަހަލަ ދެ މަސައްކަތެއް ދަސްކޮށް އެކަންކަމަށް ފަރިތަވެ، އެކަމުގަ މޮޅުވާން. މިފަދަ މަސައްކަތެއް ދަސްވެއްޖެނަމަ އެމީހާ ވާނީ ބަދަލުވާ ޒަމާނުން ބޭކާރު ނުކުރެވޭ، ރަށުގެ އަހުލުވެރިންނަށް ބޭނުންތެރި މީހަކަށް." މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ