ކޯލިޝަން މަޝްވަރާއަށް ގާސިމް އަރިހަށް ރައީސް ސަން އައިލެންޑަށް

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ސަން އައިލެންޑަށް ވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ޞާލިޙް، ސަން އައިލެންޑަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް މިއަދު ރައީސް، ގާސިމާ ބައްދަލުކުރައްވާއިރު، އިއްޔެ ޕީޕީއެމް/ޕީއެންސީގެ އިސް ވަފުދެއް ވެސް ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފައެވެ. ކުއްލި ގޮތަކަށް ރައީސް މިއަދު ގާސިމާ ބައްދަލުކުރައްވާއިރު، ކުރިން ތާވަލު ކުރެވިފައި އޮތީ ދެވަނަ ބުރެއްގައި ޖޭޕީން އަމަލު ކުރާނެ ގޮތެއް މިއަދު ކަނޑައެޅުމަށެވެ. އެކަމަކު، މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ބުނެ، އެ ޕާޓީން މިހާރު ވަނީ ކޯލިޝަން ހެދުމާ ގުޅޭ ނިންމުން، ނިންމުން ފަސްކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ކަށަވަރު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް، 101،851 ވޯޓު ލިބިވަޑައިގަތެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 86،164 ވޯޓެެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ، އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. ހަތަރުވަނައަށް އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ދިޔައިރު، ގާސިމަށް ލިބިވަޑައިގަތީ ފަސްވަނައެވެ. އެ މަނިކުފާނަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، ވޯޓުލީ އާބާދީގެ 2.4 އިންސައްތައެވެ. ޕީޕީއެމް/ޕީއެންސީ މިހާރު ވެސް ވަނީ އިތުރު އެއް ޕާޓީއާ އެކު ކޯލިޝަން ހަދައިފައެވެ. އެއީ، ފުރަތަމަ ބުރުގައި 1,907 ވޯޓު ލިބުނު އެމްއެންޕީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ