ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން: ނަޝީދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލު ކުރެއްވުމަށާއި، އެ މަނިކުފާނާއި ބައްދަލުކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރަށް ތާއީދު ކުރައްވައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ޝިޔާމްގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީން އަށް ނުހައްގުން އަނިޔާ ދެމުން ގެންދަވާ ކަމަށާއި، އެ މަނިކުފާނު ގެއަށް ބަދަލުކުރެއްވުމަށް ގޮވާލައްވާފައެވެ.
ޝިޔާމްގެ ވާހަކަ އާއާ ގުޅިގެން ރައިސް ނަޝީދު ވިދާޅުވީ ރައިސް ޔާމީން އާއި ބައްދަލުކުރެއްވުމަށް ސިޓީއަކުން އިއްޔެ ވެސް ދަންނަވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން އާއި ބައްދަލުކުރެއްވުމަށްފަހު ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ