ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ޖަނަވަރީ މަހުގެ 13 އިން 16 އަށް ކުރައްވާ މި ދަތުރުފުޅަކީ، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި، އެ ޤައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް ކްރިސްޓީނާ ކެލަސް، މިނިސްޓަރ އޮފް ކްލައިމެޓް، ޔޯކޯ އަލެންޑަރ، މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް، ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް، ޖޮނަތަން ސެވިއޮވް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާގެ ޓާރްޓޫ އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ސިޓީއިން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވާނީ، މޭޔަރ އަރްމަސް ކްލާސް އެވެ. ޓާރްޓޫ އަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވަރސިޓީތަކާއި ސައިންޓިފިކް މުވައްސަސާތަކުގެ ތެރެއިން އެންމެ މަތީގިންތީގައި ހިމެނޭ ޔުނިވަރސިޓީ އޮފް ޓާރްޓޫވެސް ހުންނަނީ ޓާރްޓޫގައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި، ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.
ދަތުރުފުޅުގައި މަޝްވަރާތައް ކުރައްވާނީ، އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ. އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަރަކާތްތަކުގެ ތެރެއިން، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދެވިދާނޭ ގޮތްތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.
އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ކުރި ދަތުރަކީ، މުޅި ދުނިޔޭގެ ތާރީފު ލިބިފައިވާ މަސައްކަތެކެވެ. އަދި އެ ޤައުމަކީ، ޢާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގައި ދުނިޔޭގައި އެންމެ މަތީ ފަންތީގައި ގުނާލެވޭ ޤައުމެކެވެ. ޑިޖިޓަލް ގަވަނަންސް އާއި، އީ-ސަރވިސް ގެ ދާއިރާގައި ދުނިޔޭގެ ލީޑަރެއްކަމުގައި ބެލެވިފައިވާ އެސްޓޯނިއާ މަޝްހޫރުވެފައިވަނީ އެ ޤައުމުން ތަޢާރަފުކުރި އީ-ރެޒިޑެންސީ ޕްރޮގްރާމާއި، އީ-ގަވަނަންސް މަންސަތަކާއި، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބުގިސްކަމާއެކު ޑިޖިޓަލް ޙައްލުތައް ހޯދައިދީފައިވާ ގޮތުގެ ސަބަބުންނެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ކަމެކެވެ. ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރައްވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ، ޑިޖިޓަލް އިޤްތިޞާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ. މިއީ 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުގެ މުހިންމު ބަހާއެކެވެ. ސަރުކާރުން މި ވަގުތު ދަނީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންނެވެ. އަދި ޔުނެސްކޯގެ އޭ.އައި ރެޑިނަސް ޓޫލްސް ބޭނުންކޮށްގެން، އޭ.އައި ރެޑިނަސް އެސެސްމަންޓެއް ހަދައި، ޤައުމީ އޭ.އައި. މާސްޓަރޕްލޭނެއް އެކުލަވާމުގެ މަސައްކަތްވެސް، ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ ޢިހުސާނުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެސްޓޯނިއާއަށް ވަޑައިގެން، އެ ޤައުމުގެ ޑިޖިޓަލް ދާއިރާގެ ކުންފުނިތަކާއި މުވައްސަސާތަކާއެކު މަސައްކަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ