ލަމްހާ ދޫކުރި މައްސަލަ ނުބަލަން ނިންމި ނިންމުން ގޯސް: ސުޕްރީމް ކޯޓް

ރާއްޖޭގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައި, އެ މައްސަލަ ބަލަން އެ ކޯޓުން އަންގައިފި އެވެ.
އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.
އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން, އެ މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި 10 ދުވަސް ތެރޭގައި ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ