ހައުސިންގެ ކޮންޓްރެކްޓު މުވައްޒަަފުން ދޫކޮށްލަނީ، ބައެއް ދާއިމީ މުވައްޒަފުންވެސް ދޫކޮށްލަންޖެހިދާނެ

އުވައިލައްވާފައިވާ ހައުސިން މިނިސްޓްރީގައި ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފުން ދޫކޮށްލަން ނިންމައި، އެ މިނިސްޓްރީގެ ބައެއް ދާއިމީ މުވައްޒަފުންވެސް ދޫކޮށްލަންޖެހިދާނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ހައުސިން މިނިސްޓްރީ އުވައިލައްވައި އެމިނިސްޓްރީގެ ދަށުން ކުރަމުން އައި ޕްލޭނިން ދާއިރާގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް، އަދި ގެދޮރުވެރިކަމާ ގުޅޭ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފަ އެވެ. 
މި ބަދަލާއެކު މީގެ ކުރިން ހައުސިން މިނިސްޓްރީގައި މަސައްކަތްކުރަމުން އައި ސިވިލް ސާވިސް މުވައްޒަފުން ބަދަލުކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށެވެ. 
ކުރިއަށް އޮތް ތަނުގައި އެ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތުގެ ތަފުސީލުތައް ދިނުމަށް ސިވިލް ސާވިސްއިން މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ އެ މުވައްޒަފުންގެ ތެރެއިން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރި މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒަފުން އެ މިނިސްޓްރީތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 
އެ ކޮމިޝަނުން ބުނ ގޮތުގައި އެ މަސައްކަތް ކުރުމަށްޓަކައި އެ ދެ މިނިސްޓްރީގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިނިސްޓްރީތަކަށް މުވައްޒަފުން ބަދަލުކުރަމުންދާނީ އެ އިދާރީ އޮނިގަނޑަށް ބޭނުންވާ އަދަދަށެވެ. އެ އަދަދަށްވުރެ ބަދަލުކުރަންޖެހޭ މުވައްޒަފުން ގިނަވާނަމަ އެ ހާލަތުގައި ބަދަލުކުރާނެ މުވައްޒަފު ކަނޑައަޅާނީ އެސްއީސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމަށްފަހު މެރިޓަށް ބަލައިގެންނެވެ. 
ހައުސިން މިނިސްޓްރީގެ ކޯޕަރޭޓު ޑިޕާޓުމެންޓުގެ މަސައްކަތަކީ އެހެނިހެން މިނިސްޓްރީތަކަށް ބަދަލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްނުވާތީ އެ ޑިޕާޓުމެންޓުގެ މުވައްޒަފުން އެ މިނިސްޓްރީތަކަށް ބަދަލުނުކުރެވޭނެކަން އަންގައި ކޮމިޝަނުން ބުނެފައިވަނީ އެހެނިހެން މިނިސްޓްރީތަކާ ގުޅިގެންއެ މުވައްޒަފުންނަށް އެކަށޭނެ ވަޒީފާއެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް އެފަދަ ވަޒީފާއެއް ހަމަނުޖެއްސޭ މުވައްޒަފުން އުސޫލުގެ ތެރެއިން ވަޒީފާއިން ދޫކޮށްލަންޖެހޭނެ އެވެ. 
އޭގެ އިތުރަށް ހައުސިން މިނިސްޓްރީގައި ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުން އަައި މުވައްޒަފުންނާއެކު ހެދިފައިވާ އެއްބަސްވުންތަަކާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ 222 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު އެ މުވައްޒަފުން ދޫކޮށްލަންވަނީ ނިންމާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ