ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2000އަށް ވުރެ ގިނަ ވާނެ ކަމަށް އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަނުން ބުނެފިއެވެ.
އެމެރިކާއިން މީގެ ކުރިން ބުނަމުން ދިޔައީ ސޫރިޔާގައި ޙަރަކާތްތެރި ވަނީ އެ ޤައުމުގެ 900 ސިފައިން ކަމަށެވެ. ނަމަވެސް އެމެރިކާއިން މިހާރު ބުނަނީއޭގެ ދެ ގުނަ އިތުރު ޢަދަދަކަށް ސޫރިޔާގައި އެމެރިކާގެ ސިފައިން ތިބި ކަމަށާއި 900އަށް ވުރެ އިތުރުވާ ސިފައިންނަކީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފޮނުވާފައިވާ ‘ވަގުތީ’ ސިފައިން ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕެންޓެގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ 2000 ސިފައިން ސޫރިޔާގައި ތިބޭތާ ވީ ކިހާ ދުވަހެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް އިތުރު ސިފައިން ފޮނުވާފައިވަނީ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ނިމުމަމަކަށް އައުމުގެ ކުރިން ކަމަށާއި އިތުރު ސިފައިން ތިބޭތާ މަސްތަކެއް ވެފައި ވާނެ ކަމަށެވެ. މިއަދާ ޖެހެންދެން ޚުދު އޭނާއަށް ވެސް ހީފުޅުވެފައި އޮތީ ސޫރިޔާގައި ތިބީ އެމެރިކާގެ 900 ސިފައިންކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އެ ޤައުމުގެ ސިފައިން ސޫރިޔާގައި ޤާއިމުވެ ތިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ޙަވާލުވެޑައިގަތުމަށް ތައްޔާރުވަމުން ދާ އިންތިޤާލީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން ޤައުމަށް އަނބުރާ ގެންނެވުން އެކަށީގެންވެއެވެ. އެމެރިކާގެ ރައީސްގެ ގޮތުގައި ޓްރަމްޕު ކުރިން ހުންނެވި އިރު ވެސް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ޤައިމުން ބޭލުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބު ވީ ސަރުކާރުގެ އިސްވެރިން އެކަމާ ދެކޮޅު ހެއްދެވުމުންނެވެ.
މިއީ ޤައުމެއްގައި އެމެރިކާގެ ސިފައިން ތިބިކަމަށް ބުނާ ޢަދަދު ޕެންޓަގަނުން ބަދަލުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2017ވަނަ އަހަރުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނުގައި އެ ޤައުމުގެ 11,000އަށްވުރެ ގިނަ ސިފައިން ތިބިކަމަށް ބުނެފައެވެ. އެއީ ކުރިން ބުނަމުން ދިޔަ ޢަދަދަށްވުރެ ވުރެ އެތައް ހާސް ގުނައެއް އިތުރު ޢަދަދެކެވެ.
ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު ކުރިން ހާމަ ކުރި ޢަދަދަށް ވުރެ ދެ ގުނަ އިތުރު: ޕެންޓެގަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ