ބެންފީކާ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-4 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ޖުމްލަ ތިން ޕެނަލްޓީ ފެނިގެން ގޮސްފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ބެންފީކާގެ އާތޫރް ކެބްރަލް އަށް ރަތް ކާޑެއްވެސް ދައްކާފަ އެވެ.
މެޗުގެ ދެވަނަ މިނިޓުގައި ބެންފީކާގެ ގްރީސްގެ ފޯވަޑް ވެންގަލިސް ޕަވްލިޑިސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 11 މިނިޓް ފަހުން ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބާސެލޯނާ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް ބެންފީކާގެ ޕަވްލިޑިސް ހިފެހެއްޓުމުގައި ބާސެލޯނާގެ ޑިފެންޑަރުންނަށް ވަނީ މައްސަލަ ތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އޭނާ ވަނީ މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި އިތުރު ދެ ލަނޑު ޖަހާ ދެވަނަ ފަހަރަށް ބެންފީކާ އަށް ކުރި ހޯދަދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މާކް ކަސާޑޯ އާއި ގަވީގެ ބަދަލުގައި ފްރެކްނީ ޑިޖޮންގް އާއި ފަރމިން ލޯޕެޒް ވަނީ ކުޅެން އަރުވާފަ އެވެ.
ބާސެލޯނާ އިން މި ބަދަލުތައް ގެނައިތާ ދެވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ 68 ވަނަ މިނިޓުގައި ބާސެލޯނާގެ ރޮނަލްޑް އަރައުހޯ އަތުން ބައިކޮޅަށް ލަނޑެއް ވަނެ ބެންފީކާގެ ލީޑު ފުޅާވިނަމަވެސް ބާސެލޯނާއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ވެފައިވަނީ 78 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އިންނެވެ. ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ރޮބަޓް ލެވަންޑޯސްކީ ވަނީ ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް ކުޑަކޮށްފަ އެވެ.
މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ބާސެލޯނާއިން އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް ގާސިއާ އެވެ.
އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ މި މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާއާއިއެކު ބާސެލޯނާއަށް ވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. ބެންފީކާއަށް ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ