ރޯދަ މަހު ފެނާއި ކަރަންޓު ބިލު ބޮޑެއް ނުވާނެ: ރައީސް

ރޯދަ މަހުވެސް ފެނާއި ކަރަންޓު ބިލު ހުންނާނީ އާންމު މަހެއްގައި ބިލުތަކަށް އަރާ ވަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރޯދަ މަހު ފެނާއި ކަރަންޓު ބިލު ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރަން ސަރުކާރުން ނިންމާފައިވަނީ ރޯދަ މަހު އެހެން މަސްތަކާ އަޅާ ބަލާއިރު ބިލުތައް ބޮޑުކަމުގެ ޝަކުވާ ވަރަށް ބޮޑަށް ރައްޔިތުން ކުރަމުން ގެންދާތީކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުންނަށް ލުއި ފަސޭހައަކަށް ހައްދަވައިދެއްވި ގޮތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ އަބަދުވެސް ރައްޔިތުން ކުރާ ޝަކުވާއެއް. ނަމަވެސް މި ފަހަރުގެ ރޯދަ މަހު ބިލްތައް ބޮޑެއް ނުވާނެ.
ސްޓެލްކޯއިން ފެނުގެ ހިދުމަތް ދޭ ބައެއް ރަށްރަށް އެބަ ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖު އުވާލުމަށް އެކުންފުނިން ނިންމާފައިވާކަމަށާއި އެކަން އިއުލާނުކޮށްދެއްވުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ އޭދަފުށީގައި ބޭއްވި ޖަލްސާގައި އެކަން އިއުލާންކޮށްދެއްވާފަ އެވެ.
މީގެ އިތުރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރުމަށް ނިންމާފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. މިއީ ކުޑަ އެއްޗެއް ނަމަވެސް އެންމެ ނިކަމެތި މީހާއަށް އެއީ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި އެސްޓީއޯއިން ފައްޓާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް އެހީ ތެރިކަން ފޯރުކޮށްދީ ލުއިތަކެއް ދިނުމަކީ އެމަނިކުފާނަށް ލިބޭ އުފަލެއް ކަމަށެވެ. ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި ރާއްޖޭގެ އިގްތިސޯދުވެސް އޮތީ ވަރަށް ހާލުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ގެންދަވަނީ ވެރިކަމުގެ ކުރީ ކޮޅު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް މުއިއްޒު ވަނީ މިހާތަނަށް ނުވަ އަތޮޅަކަށް ވަޑައިގެންފަ އެވެ. މިހާތަނަށް ރައީސް ވަޑައިގެންފައި ވަނީ އައްޑޫ، ފުވައްމުލަށް، ގއ. ގދ. ހއ. ހދ. ށ. ނ. އަދި ރ. އަތޮޅަށެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ބ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. ބ. އަތޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އޭދަފުއްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ