ސޮވެރިން ފަންޑު 65 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ބޮޑު ކަމެއް ޖެހޭ ވަގުތު ގައުމުގެ އިގްތިސޯދުގައި ބޭނުން ކުރުމާއި ލޯނު ދެއްކުމުގެ ކެޕޭސިޓީ މަތި ކުރަން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ ޖަމާ 65 މިލިއަން ޑޮލަރަށް މައްޗަށް ޖައްސައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސޮވެރިން ފަންޑުގައި ހުރީ ދެ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ފައިސާ ޗާޕުނުކޮށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދުގެ ނިޔަލަށް އެ ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ."މިއީ އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކާ ސަލާމަތް ކުރާ ފައިސާ،" ރައީސް ވިދާޅުވި އެވެ.މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެކުރިން ވިދާޅުވި ގޮތުގައި މި އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 100 މިލިއަން ޑޮލަރު ބެހެއްޓުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.އެސްޑީއެފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު، ރާއްޖެއިން ބޭރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އުފެއްދި ފަންޑެކެވެ.ސަރުކާރުން މީގެކުރިން ހާމަކޮށްފައި ވަނީ މިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ބުނެފައިވެ އެވެ.ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން، މިހާރުވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލުގެ ބަހުސް މަރުހަލާއަށްފަހު ބިލު ދިރާސާ ކުރުމަށްފަހު މިހާރުވަނީ އަންމުންގެ ޚިޔާލަށް ހުށަހަޅުއްވާފަ އެވެ.ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ