ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ހަބީބު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިއްޔެ ސޮއިކޮށްފިއެވެ.
ޕީއެންސީން އިއްޔެ ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޝާމިން ހަބީބު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ.
ޕީއެންސީއާއި ޝާމިން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޝާމިންގެ އިތުރުން މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަތް އިންތިޚާބީ މެންބަރަކު ވެސް ވަނީ ޕީއެންސީ އަށް މިއަދު ސޮއިކޮށްފައެވެ. އެ މެންބަރުންނަކީ،
ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ،
ޙަސަން ޒަރީރު – މަތިވެރި ދާއިރާ،
އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ،
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ،
ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
މުހައްމަދު ރަޝީދު – ނޮޅިވަރަމް ދާއިރާ
މި މެންބަރުންގެ ސޮޔާއެކު ޕީއެންސީއަށް ނިސްބަތްވާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދު މިހާރު މިވަނީ 74 އަކަށް އަރާފައެވެ.
20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 93 ދާއިރާގެ ތެރެއިން ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެމްޑީއޭ އަށް 2 ގޮނޑި، އެމްއެންޕީއަށް ގޮނޑިއެއް، ޖޭޕީ އަށް ގޮނޑިއަށް ކާމިޔާބުވިއިރު މިނިވަން 11 މެންބަރަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
މި އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާ އަށާއި ދަ ޑިމޮކްރެޓްސް އަދި ކުރީގެ ރައީސް ޔާމީން ޢަބުދުﷲ ޔާމީންގެ ތާއީދު ދެއްވި ކެންޑިޓުންނަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ