ހިޔާނާތް ފަޅާ އަރުވާލި ގާސިމް ޖަލަށް ލުމަށް ހުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމު ކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލި މުވައްޒަފު އަށް މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ. އޭނާ ފަޅާއަރުވާލި ހިޔާނާތުގެ މައްސަލައަކީ ސަރުކާރުން މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލަ އެވެ. އޭނާ އާންމުކޮށްފައިވާ މައުލޫމާތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާވި ކަމަށް ބުނާ އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ އެކައުންޓުތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ގޮތުގެ ތަފްސީލެވެ. އެ މައުލޫމާތު ހޯދުމުގެ ކުށުގައި އޭނާ އަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އިއްވާފައި ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އެ މައުލޫމާތު ހާމަކުރީ ހެޔޮނިޔަތުގައި ކަމަށް ގާސިމް ބުނިނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ގާސިމް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ އަށް އިއްވި ޖަލު ހުކުމުގެ މުއްދަތަށްވުރެ އިތުރަށް އޭނާ ބަންދުގައި ބަހައްޓާފައިވާތީ ދެން ޖެހޭނީ އޭނާ ދޫކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ