މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ.
މިރޭ ފަތިހާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ އެކިހިސާބުތަކަށް ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފަވެއެވެ.
ނަމަވެސް މި ވަގުތުގައި މެދު ރާއްޖެތެރެއަށާއި، އުތުރުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އިރުއުތުރާއި އިރުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުގައި މި ސަމާލުގެ ވަގުތުގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އުފެދޭ ރާޅުގެ އުސްމިނުގައި 4-7 ފޫޓާ ދެމެދު އުސްމިނެއް ހުންނާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ރާޅުގެ އުސްމިނުގައި 2-4 ފޫޓާ ދެމެދު ހުންނާނެއެވެ.
މީގެ އިތުރުން މެޓުން ވަނީ ނ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ