އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖެ ކަނޑައަޅައި މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޮވައިފި އެވެ.
ތަފްސީލް - މި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއް ތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި މާލީ ސިނާއަތުގެ މުސްތަގްބަލާ މެދު މަޝްވަރާކުރާނެ އެވެ.
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި އެކަން އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގަ އެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ.
ބުނީ ކީކޭ؟ - "އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ޝަރީފް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް. އޭޝިއާގެ ބޭންކިން ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން މި އޮތީ ތައްޔާރަށް."
ފާހަގަކޮށްލެވޭ - މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން، 2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވާފަ އެވެ.
އަންނަ އަހަރުގެ ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯ އިން، ސީނިއަ އެގްޒެކްޓިވުން އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާއަށް މުހިންމު މައުލޫތަކާ ގުޅޭ މަޝްވަރާތަކާއި ވޯކްޝޮޕްތަކާއި ނެޓްވޯކިން ސެޝަންތައް ހިމެނޭނެ އެވެ.
އޭޝިއާގެ ބޭންކިން ޖަލްސާ އަންނަ އަހަރު ބީއެމްއެލްއިން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ