ބިލާ ދެކޮޅަށް އަޑު އުފުލަނިކޮށް، މީޑިއާ ކައުންސިލް މެންބަރު ލީވާން ހައްޔަރުކޮށްފި

މީޑިއާތައް ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން މަސައްކަތް ކުރާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް, މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު މިއަދު ހައްޔަރުކޮށްފިއެވެ. މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް, ތިން ފުލުހުން ލީވާން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ލީވާން ފަހަތަށް ބިޑި ވެސް އަޅުވާފައި ހުއްޓައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ލީވާން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އިތުރު ތަފުސީލު ދެއްވަމުން އޮފިޝަލް ވިދާޅުވީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މަޖިލިސް ކުރާގެ ކައިރިއަށް އެއްވެ, މުޒާހަރާ ކުރުމާއި ފުލުހުންނާ ކުރިމަތިލުމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ، 40 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ލީވާނެވެ. https://x.com/mjamaldives/status/1967916199779701132 އަދަދު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ލީވާން ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް ބުނެ, ބައެއް ނޫސްވެރިންނާއި އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ލީވާން ވަރަށް ގިނައިން ހައްޔަރުކުރިއެވެ. އެ ފަދަ މައްސަލައެއްގައި އޭރު ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ވެސް އޭނާއާ ދެކޮޅަށް އޭރު އުފުލިއެވެ. މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި ސިޔާސީ ބައެއް މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ މަޖިލިސް ކުރާ ގޭ ދޮށުގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ މީޑިއާތައް ކޮންޓްރޯލް ކުރާ ގޮތަށް ހުށަހަޅާފައިވާ ބިލު ބޭރު ކުރުމަށެވެ. މުޒާހަރާގެ ބައިވެރިން މަޖިލިސް ކުރާ ގެ ކައިރިން ފަހަތަށް ޖެއްސިއިރު ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާތީ ބައެއް ނޫސްވެރިންނާއި އާއްމުންނަށް ވެސް ވަނީ އަނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ