އެމްއޭސީއެލް ބަލިކޮށް އެއިޓީން ތާޓީ ކްލަސިކް ތަށި ޕްރިޒަން އިން ކާމިޔާބުކޮށްފި އެމްއޭސީއެލް ބަލިކޮށް އެއިޓީން ތާޓީ ކްލަސިކް ތަށި ޕްރިޒަން އިން ކާމިޔާބުކޮށްފި

ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެ ވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޕްރިޒަން ކްލަބުން ހޯދައިފި އެވެ.
ގަޑި ހުއްޓައިގެން މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެމްއޭސީއެލް އަތުން ޕްރިޒަން މޮޅުވީ 1-0 އިންނެވެ. އެއިޓީން ތާޓީ ކްލަސިކް ބޭއްވި ދެ ފަހަރު ވެސް ފައިނަލުގައި ވާދަކޮށް އެމްއޭސީއެލް މި ވަނީ ބަލިވެފަ އެވެ. އެއިޓީން ތާޓީ ކްލަސިކް، 2023 ވަނަ އަހަރު ބޭއްވިއިރު، ފައިނަލުގައި ކްލަބް ވެމްކޯ އަތުން އެމްއޭސީއެލް ބަލިވީ، 3-0 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި، ޕްރިޒަން އިން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި ޖެހީ، އައިޝަތު ލަމްސް އެވެ. ލަމްސް މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފަޒްލާ ފައިނަލް މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ޕްރިޒަންގެ އައިމިނަތު ފަޒްލާ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އެމްއޭސީއެލްގެ ކެޕްޓަން، އާޒިނާ އަބްދުލް މަތީން އެވެ. އޭނާ ޖުމްލަ އެކު، 14 ގޯލު ޖެހި އެވެ.
މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއާގެ މަގާމް ލިބުނީ ސްޓެލްކޯގެ ހަލީމަތު ހަސްނާ އަށެވެ. އަދި، ޕެއާ ޕްލޭ ޓީމަކަށް ހޮވުނީ ހެލްތު އެންޑް ރެކްރިއޭޝަން ކްލަބް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އެމްއޭސީއެލްގެ އާޒިނާ އާއި ފިރުޝާނާ ނަސީރު، ޕްރިޒަންގެ ފަޒްލާގެ އިތުރުން އައިޝަތު ޝަރުމާ އެވެ. އަދި، ސްޓެލްކޯގެ މަރިޔަމް ވިޝާޔާ ވިލްދާން ވެސް ވަނީ ގަދަ ފަހެއްގައި ހިމެނިފަ އެވެ.
މި ފަހަރުގެ އެއިޓީން ތާޓީ ކްލަސިކްގައި ޖުމްލަ އެކު، 12 ޓީމު ކުޅުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ