ކަސްޓަމްސް މުވައްޒަފުންންނާއި އާއިލާތަކުގެ އެސެޓް ޑެކްލަރޭޝަން ހަދަން އަންގަނީ

ކަސްޓަމްސްގެ މުވައްޒަފުންނާއި އެ މީހުންގެ އަނބިންނާއި ފިރިންގެ އެސެޓް ޑެކްލެއާ ކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ ގަވައިދު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ކަސްޓަމްސްއަށް އެންގުމަށް މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ 'ދަ ހޯކްސް' ކުންފުނީގެ ބޯޓެއްގައި ގާނޫނާ ހިލާފަށް ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރި މައްސަލަ ކޮމެޓީގެ އިސްނެގުމުގެ މަތިން ވަނީ ބަލައިފަ އެވެ.
 އެ މައްސަލައިގެ ކޮމެޓީ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވާއިރު ކަސްޓަމްސްގެ އުސޫލުތައް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެ މުވައްސަސާ އަށް އެންގުމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފަައިވެ އެވެ.
ތަފްސީލް - ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، ކަސްޓަމްސްއަށް ހުށަހެޅޭ އިންވޮއިސްތަކުގައި ހިމަނާ އަގުތައް އޮޅުވާލާފައި ހުރުމުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ދަށްވަމުން ދިޔުމެވެ. އަދި އެކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ގޮސްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެޓީން ހުށަހަޅާފައިވަނީ، ކަސްޓަމްސްގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމް ކުރުމަށެވެ. އަދި އެ ސިޔާސަތުތައް އެކަށާއަޅާ އެކަން ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް ކޮމެޓީއަށް ހުށަހަޅަން އެންގުމަށް ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން:
ކަސްޓަމްސްގެ މުވައްޒަފުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށާއި ގާނޫނާ ގަވައިދާ ހިލާފަށް އަމަލު ކުރާ މުވައްޒަފުންގެ މައްސަލަ ބަލާ، ފިޔަވަޅު އެޅުމުގެ އިތުރުން ކަސްޓަމްސްއަކީ ރައްޔިތުންގެ އިތުބާރު އޮންނަ މުއައްސަސާއަކަށް ހެދުމަށް ކުރާނެ މަސައްކަތުގެ ޓައިމްލައިނެއް ކޮމެޓީއަށް ހުށަހަޅަން އަންގަން ވަނީ ފާސްކޮށްފައި
ކަސްޓަމްސްގެ މުވައްޒަފުން މިފަދަ މައްސަލަތަކުގައި ޝާމިލްވުން ހުއްޓުވުމަށް އެ މުވައްސަސާގެ މުވައްޒަފުންނާއި އެ މީހުންގެ އަނބިންނާއި ފިިރިން އަދި ދަރިންގެ އެސެޓް ޑެކްލަރޭޝަން ހަދަން ޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށް، ފޯމުތައް ރިވިއުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ހަރުދަނާ މެކޭނިޒަމެއް ކަސްޓަމްސްގެ ތެރޭ ގާއިމްކޮށް، އެކަން ކުރާނެ ގޮތުގެ ޓައިމްލައިނެއް ކޮމެޓީއަށް ހުށަހަޅަން އެންގުމަށް ވެސް ފާސްކޮށްފައިވޭ
މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓު މިއަދު ފާސްކޮށްފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން އެ މައްސަލަ ބެލުމަށް ފަހު އެވެ. އެ މައްސަލަ ބެލި އިރު ކޮމެޓީއަށް ފާހަގަކުރެވުނު މައްސަލަތައް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
ތިލަފުށީގައި ހުންނަ އެއް ބޮންޑެޑް ވެއާހައުސްގެ ލައިވް ފީޑު ކަސްޓަމްސްއަށް ނުލިބުން
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް އަރާފައިބާ މީހުންނާއި އަރުވާ ބާލާ މުދަލުގެ ކަންތައް ބެލެހެއްޓުމުގައި ކަސްޓަމްސްއަށް ގޮންޖެހުންތައް ހުރިކަން
ރާއްޖޭގައި ގާއިމްކޮށްފައި ހުންނަ ބަނދަރުތަކަށް ގާތްކުރަން އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ބޯޓުފަހަރު އެ ތަންތަނަށް ގާތްކޮށް މުދާ ބާލާ ހަދާ؛ އޭގެ ސަބަބުން ނުކުމެދާނެ ސަލާމަތީ މައްސަލަތަކަށް ނުބަލާ ޓްރޭޑް ފެސިލިޓޭޝަންއަށް އިސްކަންދީ، ބަނދަރުތަކާ ނުބައްދަލު ބޮޑެތި ބޯޓުފަހަރަށް ހުއްދަ ދޭކަން
ކަސްޓަމްސްގެ ހުއްދައާ އެކު ބޯޓުފަހަރުން މުދާ ބާލާއިރު، ބަނދަރުތަކުގެ އެންކަރޭޖުގައި ބޯޓު އޮންނައިރު 24 ގަޑިއިރު ސާވަލަންސް ކުރެވޭނެ ނިޒާމެއް މިހާރަށް ވުރެ ފުރިހަމައަށް ބޭނުންވޭ
ގާނޫނާ ހިލާފަށް އެތެރެކުރި ސިނގިރޭޓުގެ ޑިޔުޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވޭނެ ތާރީހު ކޮމެޓީއަށް އަންގަން ފުލުހުންނަށް އެންގުމަށް ވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ