ވަގަށް ސިނގިރޭޓު އެތެރެކުރިއިރު، ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި އޮތީ މިހާރުގެ މެންބަރަކަށް

ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ، ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާނަށް ދީފައިވާކަން އެނގިއްޖެއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައިވަނީ، ޑިސެމްބަރު ތިނެއް، 2023ގައި އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ ދެ މީހަކު ކަމަށެވެ. އެކަމަކު، އޭގެފަހުން ޑިސެމްބަރު ނުވައެއް، 2023ގައި ސިނގިރޭޓު ޝިޕްމަންޓު އެތެރެކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި ސިރުހާނެވެ. އޭރު ސިރުހާނަކީ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ މެންބަރު ކަމަށް އިންތިޚާބުވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެގްޒޮޓިކް އެންޓަޕްރައިސަސްއިން ސިނގިރޭޓުތައް ބޭރުކުރިއިރު، އަނެއްކާވެސް ބޯޑަށް އޮތީ ބަދަލު ގެނެސްފައެވެ. އެގޮތުން އޭރު ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާނާއި މުޙައްމަދު ޝަރީފެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، އެގްޒޮޓިކް އެންޓަޕްރައިސަސް ކުންފުނިން ސިނގިރޭޓުތަކެއް އެތެރެކުރީ، ޑިސެމްބަރު ނުވައެއް، 2023ގައި ކަމަށެވެ. އަދި އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްގައި ހުރި "ކެމަލް" ބްރޭންޑުގެ ސިނގިރޭޓުތައް ކްލިއާ ކުރުމުން މަޑު ޖައްސާލަން ކޯޓު އަމުރެއް ނެރުނީ ޑިސެމްބަރު 25، 2023ގައި ކަމަށެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ އޭޕްރީލް 15އާއި އެ އަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހު ވެސް އެ ބޮންޑެޑް ވެއާހައުސްއަށް ސިނގިރޭޓު ވެއްދި ކަމަށް އެ ރިޕޯޓުގައިވެއެވެ. ކަސްޓަމްސްއަށް ނޭނގި އެ ސިނގިރޭޓުތައް ނެރެގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ، މަޖިލީހުގެ ސަލާމާތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ އަހަރުގެ އޮކްޓޫބަރު 30ގައި އެންގުމުން ކަމަށް ރިޕޯޓުގައިވެއެވެ. އެހެންވެ، ކަސްޓަމްސްއިން ބެލިއިރު، އެތަނުގައި ބޮންޑު ނެތް ކަމަށާއި އެތަނުގައި ހިންގަމުން ދިޔައީ އެހެން އޮފީހެއްކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއާ ހަވާލާދީ ރިޕޯޓުގައިވެއެވެ. އެ މައްސަލައިގައި 575 ކޭސް ސިނގިރޭޓު ބޭރުކޮށްފައިވާއިރު، 47 މިލިއަން ރުފިޔާ ޑިއުޓީގެ ގޮތުގައި ދައްކަން އެންގި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެކަމަކު، އެ ފައިސާ ނުދެއްކުމުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް މި އަހަރުގެ ފެބްރުއަރީ މަހުގައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ