ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އަލުން ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހަޅަން ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން މިދިޔަ މާޗު މަހު ފަށާނެ ކަމަށް އިއުލާނުކޮށްފައިވާތީ އެ ހިދުމަތް ލަސްވަނީ ކީއްވެތޯ އާއި ހިދުމަތް މިހާރު ފަށަން ނިންމާފައިވާ ތާރީހު އޮޅުން ފިލުވުމަށް މިނިސްޓަރު އަމީންއާ ސުވާލު ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޝަންތައް ރާއްޖޭގައި ފެށުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ރާއްޖޭގައި އެ ހިދުމަތް ދިނުމަށް ސޭފްޓީ އެސެސްމެންޓެއް ހަދާފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ:
ރާއްޖޭގައި މިހާރު ވެސް ސީޕްލޭން ހިދުމަތްދޭ ކުންފުންޏެއްގެ އަގު ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި ނަމަވެސް އެ އަގު އަރާފައި އޮތީ މާ ބޮޑު އިންވެސްޓުމެންޓެއް ގެނެސްގެން ނޫން ކަމަށް
ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުންފުނިތައް ކުރިއަރައިގެން ދާއިރު، މިފަދަ ޖާގައެއް ދެވަނަ ފަހަރަށް ދޭއިރު ހަމައެކަނި ދައުލަތަށް ޓެކްސް ލިބުމުގެ ބަދަލުގައި އެހެން މަންފާތަކެއް ވެސް ހޯދަން ބަލަން ޖެހޭ ކަމަށް
"އަޅުގަނޑުމެން އޭރު އެކްސްޕްރެޝަން އޮފް އިންޓްރެސްޓަށް ހުޅުވާލި އިރު، ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ސާޗު އެންޑް އެސްކިޔު އަދި މެޑިކަލް އިވެކުއޭޝަން ހިލޭ ދޭ ގޮތަށް މިކަންތައް އިއުލާނު ކުރި. ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭ ހިމެނޭ ގާތްގަނޑަކަށް 36 ކުންފުނި މިކަމަށް އިންޓްރެސްޓު ނަގައިގެން ކުރިމަތިލި،" އަމީން ވިދާޅުވި އެވެ.
ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާ ލިބޭނެ ކޮމްބިނޭޝަނެއް ނެގުމަށް އާރުއެފްޕީގައި ހުރި ލިމިޓޭޝަންތަކާ މެދު އެ ހުރިހާ ކުންްފުނިތަކުން މަޝްވަރާ ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައުލަތަށް ނަގަން ނިންމި ނިންމުން ތަންކޮޅެއް ބޮޑު ކަމަށް ފާހަގަކުރައްވާފައި، އާރުއެފްޕީ އަޅުގަނޑުމެންނަށް ޖެހުނީ އެންމެ ފަރާތަކާ އެކު ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ހުއްޓާލުމަކަށް ގެންނަން،" އަމީން ވިދާޅުވި އެވެ.
މިހާރު އާރުއެފްޕީ ޕްރޮސެސް ގާނޫނީ އިމުގެ ތެރެއިން ނިމުމަކަށް ގެނެސްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
"އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރުގެ ފަހުކޮޅު ފުރަތަމަ އަޅުގަނޑުމެން މި އެޓެމްޕްޓު ކުރެވުނު ތަޖުތިބާއަށް ބަލާފައި ބަދަލުތަކާ އެކީގައި އާރުއެފްޕީއަށް ހުޅުވާލައިގެން [ކުރިއަށް ގެންދަން] އަޅުގަނޑު އުއްމީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މި ހިދުމަތް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު، ޑިސެމްބަރުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސް ތެރޭ މިކަންތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަންހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އެ ހިދުމަތް ރާއްޖޭގައި އަލުން ފެށުމަށް ކެބިނެޓުން ނިންމީ އެ އަހަރުގެ ޖެނުއަރީ މަހު އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ހެލިކޮޕްޓަރުގައި މީހުން އުފުލި ނަމަވެސް އެ ހިދުމަތް ހުއްޓާލީ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލެން ފެށުމުންނެވެ.
ހެލިކޮޕްޓަރު ހިދުމަތް ދޭން އަލުން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ