'ޖެމިނައި އެސިސްޓެންޓް' އެންޑްރޮއިޑް އޮޓޯއަށް، ދެން ފޯނުގައި އަތްނުލައި ކޮމާންޑްދީގެން ކަންކަން ކުރެވޭނެ
ޖެމިނައި އެސިސްޓެންޓް, އެންޑްރޮއިޑް އޮޓޯއަށް ދޫކުރަން ފަށައިފިއެވެ. ގޫގުލްގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓެންޓް، ޖެމިނައި، މިހާރު އެންޑްރޮއިޑް އޮޓޯއަށް ނެރެން ފަށާފައިވާކަން ހާމަވެފައިވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޔޫޒަރުންނަށް އެމީހުންގެ ކާރުތަކުގައި އެންޑްރޮއިޑް އޮޓޯ މެދުވެރިކޮށް ޖެމިނައި ބޭނުންކުރެވެން ފަށާފައިވާތީއެވެ. މި އާ އެސިސްޓެންޓް ފެންނަން ފަށާފައިވަނީ އެންޑްރޮއިޑް އޮޓޯގެ 15.6 އަދި 15.7 ބީޓާ ވާޝަންތައް ބޭނުންކުރާ ފަރާތްތަކަށެވެ. ޖެމިނައިއަކީ އެންޑްރޮއިޑް އޮޓޯގައި މިހާރު ބޭނުންކުރަމުން އަންނަ ގޫގުލް އެސިސްޓެންޓްގެ ބަދަލުގައި ގެންނާނެ އެސިސްޓެންޓެއްކަން ގޫގުލްއިން ވަނީ މީގެކުރިން މިދިޔަ މޭ މަހު ބޭއްވި 'ގޫގުލް އައި/އޯ' އިވެންޓުގައި އިއުލާންކޮށްފައެވެ. މި ބަދަލާއެކު، ޑްރައިވަރުންނަށް ފޯނުގައި އަތް ނުލައި އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޖެމިނައިގެ އެންމެ މުހިންމު އެއް ކަމަކީ، ވަކި ޚާއްސަ ކޮމާންޑްތަކެއް ބޭނުންކުރުމުގެ ބަދަލުގައި، އާދައިގެ ވާހަކަ ދައްކާފަދަ ގޮތަކަށް ސުވާލުކޮށް ކަންކަން ކުރުމުގެ ގާބިލްކަން ލިބިގެން ދިއުމެވެ. ދަތުރުމަތީގައި ލިބޭ މެސެޖުތައް ތަރުޖަމާކުރުމާއި، ގޫގުލް ކަލަންޑަރުގައި އާ އިވެންޓްތައް ހެދުމާއި އަދި ޖީމެއިލްގައި ހުރި މައުލޫމާތުތަކަށް ބިނާކޮށް ސުވާލުތަކަށް ޖަވާބު ދިނުން ފަދަ ކަންކަން ޖެމިނައި ބޭނުންކޮށްގެން ކުރެވޭނެއެވެ. މީގެ އިތުރުން، ޔޫޓިއުބް މިއުޒިކާއި ސްޕޮޓިފައި ފަދަ ޚިދުމަތްތަކުން މިއުޒިކް ޕްލޭކުރުމާއި، ދަތުރުކުރާ މަގުމަތީގައި ހުރި ތަންތަނާ ބެހޭގޮތުން ލަފާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މިވަގުތު މި ޚިދުމަތް ރޯލްއައުޓް ކުރަމުންދަނީ ހަމައެކަނި ބީޓާ ޓެސްޓަރުންނަށްތޯ ނުވަތަ މިއީ އާންމު ރޯލްއައުޓެއްތޯ ގޫގުލްއިން އަދި ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުނިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ބެލެވެއެވެ. އެންޑްރޮއިޑް އޮޓޯއަކީ، ކާރު ޑްރައިވަރުންނަށް ޚާއްސަ އޯއެސްއެކެވެ. ދަތުރެއް ކުރަމުންދާއިރު، ތިމާގެ އެންޑްރޮއިޑް ފޯނު ކާރުގެ އިންފޮޓެއިންމަންޓް ސްކްރީނާ ގުޅުވާލައިގެން، ފޯނުގެ މުހިންމު ޚިދުމަތްތައް ރައްކާތެރިކަމާއެކު ފަސޭހައިން ބޭނުންކުރުމަށް ގޫގުލްއިން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ޑްރައިވަރުގެ ސަމާލުކަން މަގުން އެހެން ދިމާލަކަށް ދިޔަނުދީ، މަގު ދެއްކުމަށް ގޫގުލް މެޕްސް ބޭނުންކުރުމާއި، ލަވަ އަޑުއެހުމާއި، އަދި ފޯނު ކޯލުކޮށް، މެސެޖު ފޮނުވުން ފަދަ ކަންކަން ކުރުމެވެ. ކާރުގެ ސްކްރީނަށް ފެންނަ، ބޮޑެތި އައިކަންތައް ހިމެނޭ ސާދާ އިންޓަފޭސްއަކުން ނުވަތަ ގޫގުލް އެސިސްޓެންޓް ނުވަތަ ޖެމިނައި މެދުވެރިކޮށް ފޯނުގައި އަތްނުލައި ހަމައެކަނި އަޑުން ކޮމާންޑު ދީގެން އެ ހުރިހާ ކަމެއް ވެސް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ