އިންޑިއާ އަންހެން ޓީމުން ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި އިންޑިއާ އަންހެން ޓީމުން ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

މުމްބާއި، އިންޑިއާ (ނޮވެމްބަރު 3) - ދެކުނު އެފްރިކާގެ މައްޗަށް 52 ލަނޑުން ކުރިހޯދައި، އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ފަހަރުގެ މި ފައިނަލުގައި ކުޅުނު ދެ ޓީމަކީ ވެސް މީގެ ކުރިން ދެ ފަަައިނަލެއްގައި ބަލިވެފައިވާ ދެ ޓީމެވެ. އެ ގޮތުން، އިންޑިއާ ވަނީ 2017 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2020 ވަނަ އަހަރު އޮތް ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ބަލިވެފަ އެވެ. އަނެއްކޮޅުން، ދެކުނު އެފްރިކާ ވަނީ އެންމެ ފަހުން ބޭއްވި ދެ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި، 2023 އާއި 2024 ވަނަ އަަހަރު ބަލިވެފަ އެވެ.
އިންޑިއާގެ ޑީވައި ޕާޓިލް ސްޕޯޓްސް އެކަޑަމީ ސްޓޭޑިއަމްގައި 45،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި ފައިނަލުގައި، ދެކުނު އެފްރިކާ އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން، 298 ލަނޑު ހެދި އެވެ. އެންމެ ގިނަ ލަނޑު ހެދީ، 78 ބޯޅައިން 87 ލަނޑު ހެދި ޝަފާލީ ވަރްމާ އެވެ. އަދި، ދީޕްތީ ޝަރްމާ ވަނީ 58 ބޯޅައިން 58 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އިން 45.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 246 ލަނޑެވެ. އެންމެ ރަަނގަޅު ކުޅުމެއް ދެއްކީ، 98 ބޯޅައިން 101 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ލޯރާ ވޯލްޑްވާޓް އެވެ.
އިންޑިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ އަތުން ތިން ވިކެޓުން ބަލިވި މެޗު ވެސް ހިމެނެ އެވެ. ސެމީ ފައިނަލަށް އިންޑިއާ ދިޔައީ ލީގު ބުރުގެ ހަތަރެއްގެ ގޮތުގަ އެވެ. ސެމީގައި ލީގު ބުރުގެ އެއް ވަނަ އޮސްޓްރޭލިއާ ކަޓުވާލައި، ފައިނަލަށް އައިސް ފުރަތަމަ ތަށްޓާ އެކު، އިންޑިއާގެ އަންހެން ކްރިކެޓްގައި ތާރީހީ ސޮފުހާއެއް މި ވަނީ ލިޔެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ