ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައި، ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި
ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދިއްދޫ އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ. އެ މަރުކަޒު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަރުކަޒުގެ މިސްކިތަށް ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން ނަންދިނީ އޭނާއަކީ، އެ ހަމާލަގައި ޝަހީދުވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތުގެ އެތެރެ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާ އެކު ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، އެ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި ސެމިނާ ރޫމަކާއި އިދާރީ އޮފީހެއް ހިމެނެއެވެ. މިނިސްޓްރީން ބުނީ، އެ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް ފަހުގައި ކަމަށެވެ. އެ މަރުކަޒުގެ ބޭނުން ކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ވަނީ، ލިފްޓު ވެސް ހަރުކޮށްފައެވެ. ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމުކުރި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އެތެރެ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އޭގެ އިތުރުން، މި މަޝްރޫޢު ބާރު ދުވެލީގައި ނިންމައި، ހުޅުވުނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަން މިނިސްޓްރީން ފާހަގަކުރިއެވެ. އެ މައުރަޒު ހުޅުވުމަށް ފަހުގައި، އެތަނުގައި ފުރަތަމަ ފަހަރަށް މިއަދުގެ މެންދުރު ނަމާދަށް ބަންގި ގޮވާފައިވަނީ ހއ. ދިއްދޫ، ތިލަދޫ، މުޙައްމަދު ޚަލަފް ޝަކީބެވެ. އަދި، އިމާމުވެ ހުކުރު ކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ