ދަރުމެންދްރަގެ ހަނދާނުގައި މެމޯރިއަލްއެއް ބާއްވަނީ
މިދިޔަ ހޯމަ ދުވަހު މަރުވި އިންޑިއާގެ ހިންދީ ސިނަމާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަ (ދަރޭ)ގެ ހަނދާން އާކުރުމުގެ ގޮތުން ޚާއްސަ މެމޮރިއަލްއެއް ބާއްވަން އާއިލާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން މި މެމޮރިއަލް ބާއްވަން ނިންމީ ދަރޭގެ އާއިލާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުމަށް އާއްމުންކުރާ ޒިޔާރަތުގެ ބަދަލުގައެވެ. 'ސެލެބްރޭޝަން އޮފް ލައިފް'ގެ ނަމުގައި ބާއްވާ މި މެމޮރިއަލް އިންތިޒާމުކުރަނީ ދަރޭގެ ހުރިހާ ކުދިންގެ ބައިވެރިވެގެން ކަމަށާއި ވީހާ ވެސް ގިނަ މީހުންނަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މުމްބާއީގެ ފަސް ތަރީގެ ހޮޓަލެއްގައި ބާއްވަން ނިންމާފައިވާ މި ރަސްމިއްޔާތުގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދަރުމެންދްރަގެ އާއިލާއާ ގުޅުންހުރި ގިނަ ބަޔަކު ބައިވެރިވާނެއެވެ. މީގެ އިތުރުން، ދަރޭގެ ގާތް ރަހްމަތްތެރިން ވެސް މި ރަސްމިއްޔާތުން ފެންނާނެއެވެ. ދަރުމެންދްރައަށް ހެޔޮ އެދޭ މީހުންނަށް ހާއްސަކޮށް ބާއްވާ މެމޯރިއަލްގައި ސޯނު ނިގަމް އެކްޓަރުގެ މަޝްހޫރު ލަވަތައް ހުށަހަޅައިދޭނެ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ޚާއްސަ މެމޮރިއަލްގައި ދަރޭގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ މަގުބޫލު ލަވަތައް އިންޑިއާގެ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ހުށަހަޅައިދޭން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ދަރޭގެ ވަރަށް ގިނަ ފިލްމުތަކެއްގައި ހިމެނޭ ލަވަތަކަކީ އެކްޓަރުގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިން ލަވަތަކަކަށްވާތީ ދަރޭގެ ވަކިވެދިއުން އާއިލާއިން ފާހަގަކުރަން ބޭނުންވަނީ ވެސް އެކްޓަރު ދެކެ ލޯބިވާ މީހުންގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަށް ފަހު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ހިންދީ ސިނަމާގެ "ހީ-މޭން"ގެ ނަމުން މަޝްހޫރުކަން ހޯދި އެކްޓަރު މަރުވެފައިވަނީ އުމުރުން 89 އަހަރުގައެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީގޮތުން މީހާ ބަލިކަށިވުމާ ގުޅިގެން ދަރޭ ވަނީ އެކި ފަހަރުމަތިން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފައެވެ. ދަރުމެންދްރަގެ އާއިލާގެ ފަރާތުން ބާއްވާ މި ޚާއްސަ މެމޮރިއަލްއާ ގުޅޭގޮތުން ރަސްމީކޮށް އާއިލާއިން ވާހަކަދައްކާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ