ލޭ އެޅުމުގެ ކުރިން، ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ޓެސްޓްކުރުމަށް ބޭނުން ކުރާ، "ނިއުސެލިކް އެސިޑް ޓެސްޓް" ނުވަތަ ގޯލްޑެން ސްޓޭންޑަރޑްގެ ޓެސްޓުގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެ ސަރވިސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު، ވިދާޅުވީ ލޭ ދޭ މީހާއާއި ލޭ ބޭނުންވާ މީހާގެ ރައްކާތެރިކަމަކީ، އެ އިދާރާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.
އެގޮތުން ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓްތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޭ ހަދިޔާ ކުރާ މީހާ ނުވަތަ ޑޮނަރ، ލޭ ދިނުމުގެ މަރުހަލާ ފުރިހަމަކުރުމުގެ ކުރިން، ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރުވެސް ލޭގެ ޓެސްޓްތައް ހަދައެވެ. އެ ޓެސްޓްތަކަކީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ މިންގަނޑާއި އެއްގޮތަށް ހަދަމުންދާ ޓެސްޓްތަކެކެވެ.
ޑރ. އުމަރު ވިދާޅުވީ ލޭގެ ޒަރީއާއިން ދަތުރުކުރާ ބަލިތައް ދެނެގުމަށް ކުރިން ބޭނުން ކުރަމުން އައި ގޮތުގެ ބަދަލުގައި، "ނިއުސެލިކް އެސިޑް ޓެސްޓް" ބޭނުން ކުރުމުގެ މަރުހަލާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ވަކި ބަލިތަކަކަށް ޓެސްޓުކޮށްގެން ނޫނީ ލޭ ނާޅާނެ މިހާރު ވެސް. މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ މެޝިން އިންސްޓޯލްކޮށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް އުއްމީދު މި ކުރަނީ." ޑރ. އުމަރު ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހާމަކުރައްވާފައިވާ ގޮތުގައި، ލޭ ހަދިޔާކުރާ ފަރާތްތައް ކުރިއާއި އަޅާ ބަލާއިރު ދަނީ އިތުރުވަމުންނެވެ. އަދި 18 އަހަރު ފުރުމުން ލޭ ހަދިޔާ ކުރާ ފަރާތްތައް ގިނަވާކަން ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ލޭ ހަދިޔާ ކުރަން ބާރު އެޅުމަށާއި އެކަމުގައި ދެމިތިބޭނެ ބަޔަކު ތިބިކަން ޔަޤީންކުރުމަށް މަސައްކަތް ކުރުމަށްޓަކާ، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަސް، ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
ލޭގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަތުމަށް ގޯލްޑަން ސްޓޭންޑަރޑް ޓެސްޓް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ