މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު، ދޫކޮށްލައިފި
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރުތުކުރުމަށް ފަހުގައި އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. ދޫކޮށްލި ދެ މީހުންނަކީ 36 އަހަރާއި 37 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުން ބަންދުން ދޫކޮށްލުމަށް ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، 37 އަހަރުގެ މީހާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރީ ލިބިފައެވެ. އޭނާއަކީ، ކުށުގެ ރެކޯޑު ނެތް މީހެއް ކަމަށް ކޯޓުން ބުނެފައިވެއެވެ. ކްރިމިނަލް ކޯޓު: މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު، ވަނީ ދޫކޮށްލާފައި -- ފޮޓޯ/ އެޗްޑީސީ އޭނާ ބަންދުން ދޫކޮށްލާފައި ވަނީ، ކަން ހިނގިފަހުން އެ ކަމާ ދެރަވެ މައާފަށް އެދި، ކުށް ތަކުރާރު ނުކުރާނެ ކަމަށް ބުނާތީއާއި ޝަރުތުކޮށް ބަންދުން ދޫކުރުމަށް އިންވެސްޓިގޭޓިން އޮފިސަރު (އައިއޯ)ގެ ވެސް އިއުތިރާޒެއް ނެތުމުންނެވެ. ދެން ބަންދުން ދޫކޮށްލި 36 އަހަރުގެ މީހާއަކީ ވެސް މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ. އޭނާ ވެސް އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަން ކޯޓު އަމުރުން އެނގެއެވެ. ނަމަވެސް އެ ކަމުގައި އޭނާ ބައިވެރިވި ގޮތަށް ބަލައި، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. އެ އަމުރުގައި ވަނީ، އޭނާގެ ފަރާތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުންފަދަ އަމަލެއް ހިނގާފައިވާނަމަ، މައާފަށް އެދިފައިވާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެކި ހުރިނަމަވެސް، ޝަރުތުކޮށް ބަންދުން ދޫކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ