ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވަމުން، އެ އޮފީހުގެ މީޓްރޮލިޖިސްޓަކު ވިދާޅުވީ ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް ވައިގަދަ ވާނެ ކަމަށް ވިދާޅުވިއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މޫސުން އެންމެ ގޯސް ވާނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި މުޅި ރާއްޖެއަށްވެސް ވައިގެ ބާރުމިން އުޅޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިޔަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބެލެވެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިޔަކު 35 މޭލަށް އެރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ވައި ބާރުވެ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރުކުރައްވާ ނަމަ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމީ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ