ބިންހެލުމުގައި ގެއްލުންވި މީހުންނަށް ސައުދީ ރައްޔިތުން 66 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ފާއިތުވި ހަފުތާގައި ސޫރިޔާއާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ސަޢުދީ ޢަރަބިއްޔާގައި ހިންގި ކެމްޕޭނެއްގައި 700،000 އަށްވުރެ ގިނަ މީހުން ފައިސާ ހަދިޔާކޮށް ޖުމްލަ 66.6 މިލިއަން ޑޮލަރު އެއްކޮށްފިއެވެ.
ސައުދީ ސަރުކާރުގެ ސާހިމް މަންސައިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 709،775 މީހުން މި ކެމްޕެއިނުގައި ބައިވެރިވެފައިވެއެވެ. މި ކެމްޕޭން ކުރިއަށްގެންދިޔައީ ސާހިމް ޕްލެޓުފޯމު މެދުވެރިކޮށެވެ.
ބިންހެލުންތަކުގެ ސަބަބުން ތުރުކީއާއި ސޫރިޔާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެއާ ބުރިޖެއް ޤާއިމުކުރުމަށާއި، ސާހިމް މަންސަ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކިންގް ސަލްމާން ރިލީފް ސެންޓަރަށް ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒު އަދި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން އަންގަވާފައިވެއެވެ.
އެ އަމުރާއެކު ކިންގް ސަލްމާން ރިލީފު ސެންޓަރުން ފެށި މަސައްކަތުގެ އަދާހަމަ މައުލޫމާތުތަކަށް ބަލާއިރު އެ ކެމްޕޭނުގައި ބައިވެރިވި މީހުންގެ އަދަދާއި ފައިސާ ހަދިޔާކުރާ މިންވަރުވެސް ދިޔައީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ.
ސޯޅަ އަރަބި ޤައުމެއް ގުޅިގެން އެއާ ބުރިޖުތަކެއް ޤާއިމުކޮށް ތުރުކީއާއި ސޫރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެގޮތުން ސިއްހީ އެހީތެރިކަމާއި ވަގުތުން ވަގުތަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޤައުމުތަކުން ފަށާފައިވެއެވެ.
އެއާ ބުރިޖުތައް ޤާއިމުކުރަން ނިންމާފައިވާ ދައުލަތްތަކަކީ ސަޢުދީގެ އިތުރަށް ޤަޠަރާއި ކުވައިތާއި، އެމިރޭޓްސްއާއި މިސްރާއި ލުބުނާނާއި އަލްޖީރިއާއާއި އުރުދުނާއި ބަހުރައިނާއި ލީބިޔާއާއި ތޫނިސްއާއި ފަލަސްތީނާއި ޢިރާޤާއި މޮރިޓޭނިއާ އަދި ސޫދާނާއި ޢޮމާނެވެ.
ފާއިތުވި ހަފުތާގައި ތުރުކީއަށް އައި ބިންހެލުންތަކުގައި 21،848 މީހަކު މަރުވެފައިވެއެވެ. އަދި 80،088 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ތުރުކީގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ