ދައުވާ އުފުލާފައިވާ ވަޒީރަކު ހުންނެވުމަކީ މުޅި ގައުމުގެ އަގު ވެއްޓޭ ކަމެއް: ޝަހީދު

ކްރިމިނަލް ކޯޓްގެ ދައުވާއަކަށް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާ ވަޒީރަކު ހުންނެވުމަކީ މުޅި ރާއްޖޭގެ އަގު ވެއްޓޭ ކަމެއް ކަމަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ރެޕަޓުއާގެ މަގާމުގައި ކުރީން ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅު ވެއްޖެ އެވެ.ޑރ.ޝަހީދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއާ ގުޅިގެންނެވެ.މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ އެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެއީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހަށާއި, ރައީސް އޮފީހަށް ޓެގް ކުރައްވައި ޑރ.ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ދަޢުވާއަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ވަޒީރަކު ހުންނެވުމަކީ މުޅި ދިވެހި ޤައުމުގެ އަގު ވެއްޓޭނެކަމެެއް ކަމަށެވެ. "މިވަރުވެސް ދެން މިހާރު އޯކޭ ވީތޯ؟" ޝަހީދު ވަނީ ސުވާލެއް ކުރައްވާފަ އެވެ.އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލި އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ކުރިން އިއުލާން ކުރިޔަސް، އޭނާ މިހާތަނަށް ވަކިކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ