ޕާކިސްތާނުގެ މައި ސިޓީތަކުން ކަރަންޓު ކެނޑި، ޚިދުމަތްތައް ނުލިބި އެތައް ގަޑިއިރެއް

ޕާކިސްތާނުގެ މައި ސިޓީތަކުން ކަރަންޓު ކެނޑުނުތާ އެތައް ގަޑިއިރެއް ފަހުން، ކަރަންޓް އަލުން ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ޕާކިސްތާނުގެ ސިޓީތަކުން ކަރަންޓު ކެނޑިފައި ވަނީ ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 7:30 ހާއިރެވެ. އެގޮތުން ކަރަންޓް ކެނޑިފައިވާ ސިޓީތަކުގެ ތެރޭގައި އެ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީއާއި ވެރިރަށް އިސްލާމްއާބާދާއި ލާހޯރާއި ޕެޝާވަރުވެސް ހިމެނެއެވެ. ވުމާއެކު 231 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ގިނަ މީހުން މިއަދު ހޭދަކޮށްފައިވަނީ ކަރަންޓާ ނުލައެވެ. މަގުމަތީގެ ޓްރެފިކް ލައިޓްތައްވެސް ނުޖެއްސިފައި ހުރިއިރު، މުވާސަލާތީ ޚިދުމަތްފަދަ އެހެނިހެން ކަންކަމަށްވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ހަކަތައާ ބެހޭ މިނިސްޓަރު ޚުރާމް ދަސްތުގީރު ވިދާޅުވީ ކަރަންޓު ކެނޑުނުތާ 12 ގަޑިއިރަށް ވުރެ ގިނައިރު ފަހުން، މުޅި އެ ގައުމަށް އަލުން ޚިދުމަތް ދިނުމުގެ މަސައްކަތް އޮފިޝަލުން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ޕާކިސްތާނުންހެން ކަރަންޓް ކެނޑުނީ އިންޖީނުތައް ޖެއްސި ވަގުތެއްގައި، ފްރީކުއެންސީ ދިމާނުވެގެން ފަހަރަކު އިންޖީނެއް ނިވެމުން ގޮސް ހުރިހާ އިންޖީނެއް ނިވުމުން ކަމަށެވެ. https://twitter.com/kdastgirkhan/status/1617553325066711040? މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގެ ސަބަބުން ގައުމުގެ ޓްރާންސްމިޝަން ސިސްޓަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އިންޖީނުގެތަކާއި ޑޭމްތައް ހިންގުމަށް ކަރަންޓް އިތުރަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިރޭގެ ނިޔަލަށް މުޅި އެ ގައުމުގެ ކަރަންޓް އިއާދަކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި މަހުގެ ކުރީކޮޅު ޕާކިސްތާން ސަރުކާރުން ވަނީ ހަކަތަ ސަލާމަތް ކުރުމުގެ އާ ޕްލޭނެއްގެ ދަށުން އެ ގައުމުގެ ހުރިހާ މޯލްތަކާއި މާރުކޭޓްތައް ރޭގަނޑު 20:30އަށް، އަދި ރެސްޓޯރެންޓްތައް 22:00އަށް ބަންދު ކުރުމަށް އަންގާފައެވެ. އަދި ފެޑެރަލް ޑިޕާޓްމަންޓްތަކަށް ކަރަންޓް ބޭނުންކުރާ މިންވަރު 30 ޕަސެންޓް މަދުކުރުމަށް ކެބިނެޓުން ވަނީ އަންގާފައެވެ. ޕާކިސްތާން ކެބިނެޓުން ބުނީ މިކަމުގެ ސަބަބުން އެގައުމަށް ގާތްގަނޑަކަށް 62 ބިލިއަން ރުޕީސް (270 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށެވެ. ޕާކިސްތާނުން ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ އިމްޕޯޓް ކުރާ ފޮސިލް ފިއުލް ބޭނުންކޮށްގެންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ ހަކަތައިގެ އަގުތައް ބޮޑުވުމުން، އެ ގައުމުން ފޮސިލް ފިއުލް އިމްޕޯޓް ކުރުމަށް ޚަރަދު ކުރަން ޖެހޭ މިންވަރު އިތުރުވެ، ފޮރިން ރިޒާވަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ