މިއަހަރުވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނުބާއްވާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ. މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިނުވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރު ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަސްދޮޅަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ޙަރަދުވިކަމަށް މިނިސްޓާރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. މިގޮތުން މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މާލެ ފިޔަވާ އަތޮޅު ތެރޭގެ އެއްވެސް ރަށެއްގައި ހަރަކާތްތަކެއް ހިންގާފައިނުވާކަމަަށާއި މާލެ ސަރަހައްދުގައި ހިންގުނު ހަރަކާތްތަކަށް އެ ވުޒާރާއިން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
މިނިވަންކަމަށް 60 އަހަރު ފުރުނު ފަޚުރުވެރި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ މިދިޔަ އަހަރު ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ހާއްސަ ލައިވް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ބާއްވާފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުމުގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަސްދޮޅަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީވެސް ރާއްޖެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ