ބޮޑު ދެ ރިސޯޓެއް ޕެންޝަން ސްކީމުގައި ބައިވެރިއެއް ނުވޭ: ޕެންޝަން އެޑްމިނިސްޓްރޭޝަން

ޕެންޝަން ސްކީމްގައި މިހާތަނަށް ރިސޯޓްތަކުގެ ތެރެއިން ބައިވެރިވެފައި ނުވަނީ ލިލީ ގްރޫޕުން ހިންގާ އދ. ލިލީ ބީޗް ރިސޯޓާއި ހއ. އައިލެންޑް ހައިޑަވޭ އެކަނި ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ލިލީ ގްރޫޕުން ހިންގާ ދެ ރިސޯޓްގެ މުވައްޒަފުން ބައިވެރިނުކުރި ނަމަވެސް އެ ތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ކަންތައްތައް ކުރަމުން ގެންދާ ކަމަށެވެ.
"ހިތާމަޔާ އެކު ފާހަގަކުރަން ހުރިހާ ރިސޯޓެއް ބައިވެރިވެ ނިމުނުއިރު ލިލީ ބީޗާއި އައިލެންޑް ހައިޑަވޭ ބައިވެރިކޮށް މުވައްޒަފުންގެ ކޮންޓްރިބިއުޝަން ލިބިފައެއްނުވޭ. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑު އިހުލާސްތެރިކަމާއެކު ގޮވާލަން މި ތަންތަނުގެ މުވައްޒަފުންނަށް ވެސް އެތަންތަން ހިންގާ ފަރާތްތަކަށް ވެސް އަވަހަށް އެ މުވައްޒަފުންނަށް ދޭން ޖެހޭ ޕެންޝަން ކޮންޓްރިބިއުޝަން ދީ އެކަންތައްތައް ނިންމަން،" އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ މުވައްޒަފުންގެ ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަކީ ރިސޯޓްގެ ވެރިފަރާތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގު ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެންޝަން ގާނޫނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް ޕެންޝަނެއް ހޯދައިދިނުން. ވަޒީފާދޭ ފަރާތުގެ ފައިދާއަކަށް ކޮންމެހެން ކުރާ ކަމެއް ނޫން މިއީ. އެހެންވީމަ މުވައްޒަފުންނަށް ދޭން ޖެހޭ އެއްޗެއް ނުދީ ވިޔަފާރި ތަރައްގީކުރަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވޭ،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ޕެންޝަން ފައިސާގެ ގޮތުގައި ދައުލަތުގެ މުވައްޒަފުންނާއި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ ޖުމްލަ 70،000 ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި މަހަކު 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ