މިހާރު ދުނިޔެ އަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ބޭރު ގައުމަކުން ރާއްޖެއާ ހަނގުރާމަކޮށް ރާއްޖެ އަޅުވެތިކުރުމަކީ ކިތަންމެ ދުރުގައިވާ ކަމެއް ކަމުގައި ވިޔަސް، ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ބޭރުގެ ނުފޫޒުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ރާއްޖޭގެ 47 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޑީއާރްޕީގެ ޒައީމްގެ ހައިސިއްޔަތުން މިއަދު ދެއްވި ހިތޯބުގައި ވިދާޅުވެފައިވަނީ ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ފުރިހަމަ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ބޭރުގެ ނުފޫޒުތަކެއް ކުރިމަތިވުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މި ވަގުތު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އެހެން ކަމުން މި ހަގީގަތް ދެނެތިބެ، ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް މަސައްކަތްކުރުމަކީ ކުރިއަށް ވުރެ މާ ބޮޑަށް މިހާރު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ،" ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.
އެ މަނިކާފުގެ ހިތޯބުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 30 އަހަރު ފުރުން ފުރިހަމަ ގޮތެއްގައި ފާހަކުރި ފަދައިން، މީގެ ހަތަރު އަހަރު ފަހުން އަންނަ 50 ވަނަ މިނިވަން ދުވަސް ވެސް ކުރިއަށް ވުރެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކާ އެކު ފާހަގަކުރުމަށްޓަކައި މިހާރުން ފެށިގެން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ 46 އަހަރުގެ ތެރޭގައި ސަރުކާރާއި ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ސަބަބުން މިއަދު ރާއްޖެ އަކީ ވަރަށް ބޮޑަށް ތަރައްގީވެ ކުރިއަރާފައިވާ ގައުމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރާއްޖެ އަޅުވެތި ނުކުރެވުނަސް ފިކުރީ ގޮތުން ބާރުގަދަ ނުފޫޒުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ