ތާސްކުޅެގެން އުމަރު ނަސީރުގެ ސިޔާސީ ހުވަފެނުގައި ކުލަޖެއްސުން!

އުމުރު ނަސީރުގެ ނަމަކީ 2005 ގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދެން ފެށި ހިސާބުން ތަޢާރަފް ވެގެން ދިޔަ ނަމެކެވެ. 12 ޑިސެމްބަރ 2005 ގައި އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) ގެ ލީޑަރުކަމުގެ މަގާމުގައި ހުރެ އުމަރު ސިޔާސީ ދާއިރާއަށް ނިކުތްގޮތައް އަދިވެސް އެހުންނެވީ ސިޔާސީ ދާއިރާގައެވެ. ރައީސް ކަމަށް ވަޑައިގަތުގެ އުންމީދުގައެވެ. ނަމަވެސް އުމަރު ވިދާޅުވާ "ކާލާ މަންނަ" ނުވަތަ ތާސްބައިގެ "ޙުކުމް ގަނޑުތައް" އުމަރު އަތުގައި ހުރެގެން ސިޔާސީ ގޮތުން އުމަރަށް ލިބުނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ އުމަރު މިހާރު އެދަތުރު ކުރަނީ 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ މަގުން ހެއްޔެވެ؟
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އުމަރަށް ލިބުނީ 2472 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 1.39 އިންސައްތައެވެ. ރައީސް ކަމަށް ވަޑައިގެންނެވީ މުހައްމަދު ނަޝީދެވެ. އެހާ ހިސާބުން އުމަރު އަނެއްކާވެސް ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންނެވީއެވެ. ކުރިއަށްވުރެ މާއަޑުގަދަ ކޮށެވެ. އައިޑީޕީ އުވާލާ ޑީއާރްޕީގެ "އޮޑިއަށް" ވެސް އުމަރު އެރީއެވެ. "ކްރޫޒް ލައިނާއެއް" ގެ ގޮތުގައި އުމަރު ސިފަކުރި ޑީއާރްޕީ "ފުނޑާލުމުގެ" އިސް މޭސްތިރިއެއްގެ ގޮތުގައި ހުރީ އުމަރެވެ. އޭގެ ފަހުން ޕީޕީއެމް އުފެއްދުމުގައި އުމަރު އުޅުއްވިއެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ލިބުނީ ނާކާމިޔާބެވެ. ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނުން ފިޔަވައި އުމަރަށް ދެއްކުނު ހެއްކެއް ނެތެވެ. ޕީޕީއެމްގައި ތިބި އުމަރަށް ސަޕޯޓްކުރާ ދިހަވަރަކަށް މީހުންނާއި އެކު އުމަރު ވަޑައިގެންނެވީ ގާސިމް އިބްރާހިމް އަރިހަށެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވީއެވެ. އުމަރަށް ލިބިވަޑައިގެންނެވީ ހޯމް މިނިސްޓަރުކަމެވެ. ރައީސް ޔާމީން އަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅާ ކަމަށްވާ އުމަރު ރައީސް ޔާމީންގެ ސިޔާސީ މަގާމެއް ގަބޫލުކުރުމަކީ ފުރަތަމަ ވެސް އުމަރުގެ ސިޔާސީ ގާބިލް ކަމާއި މެދު ސުވާލު އުފައްދައް ޖެހޭ ކަމެކެވެ.
ދެން އައީ އުމަރުގެ އިސްތިއުފާއެވެ. 2023 އާއި ހަމައަށް ހުންނަވާނީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް އުމަރު ވިދާޅުވިތާ ދެތިން މަސް ނުވަނީސް އުމަރު ރައީސް ޔާމީނާއި ދެކޮޅު ވެއްޖެއެވެ. ވަޒީރުކަމުން އިސްތިއުފާ ދިނުމުގެ ކުރިން އުމަރު ވިދާޅުވީ ވަޒީރުކަމުން އިސްތިއުފާ ދިނަސް ދެން އޮންނާނީ ޓީވީ ބަލަން ގޭގައި ކަމަށެވެ. ނަމަވެސް އެހެނެއް ވެސް ނުވިއެވެ. އެހެންވީމާ އުމަރުގެ ބަސްމަގާއި އަމަލުތަކުގެ ތަފާތު ވަޒަންކުރާކަށް އިތުރު ވާހަކައެއް ދައްކާނެ ޖާގައެއް ނެތެވެ.
އުމަރު މިހާރު ރިޔާސީ ކެމްޕޭން ފައްޓަވައިފިއެވެ. މިހާރުވެސް އުމަރު ވިދާޅުވަނީ ރާއްޖޭގެ ބާރުގަދަ ސިޔާސީ ބޭފުޅުން އުމަރުގެ ފަހަތްޕުޅަށް އަރާނެ ކަމަށެވެ. "ކާލާ މަންނަ" އާއި "ޙުކުމް ގަނޑުތައް" ހުރީ އުމަރު އަތުގައި ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން އެއީ "ފެން ފޮދެއް ބޯލުން ހައި ފަސޭހަކަމެއް" ހެން އުމަރަށް އެބަ ހީފުޅުވެއެވެ. ނަމަވެސް ބަލަން ތިބޭ މީހުންނަށް ކަށަވަރުވާ މަންޒަރަކީ އުމަރަކީ ސިޔާސީ ހިސާބު ޖެހުމުގައި ފެއިލް ވެފައިވާ ބޭފުޅެއް ކަމެވެ.
ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާއިރު އުމަރު ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ސިޔާސީ ޙަޤީޤަތް ގަބޫލު ކުރުމެވެ. ފުރަތަމަ ހަޤީޤަތަކީ އެމްޑީޕީ އަކީ ބޮޑު ޕާޓީއެއް ކަމެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ކިރިޔާ ވެސް ރައީސް ޔާމީން އާއި ޗެލެންޖެއް ކުރެވޭނަމަ ކުރެވޭނީ އެމްޑީޕީގެ ތާއިދު އޮތް ކެނޑިޑޭޓަކަށެވެ.
ނަމަވެސް އުމަރު އެސިޔާސީ ހަޤީޤަތެއް ގަބޫލެއް ނުކުރެއެވެ. މިއަދު ވެސް ރައީސް ނަޝީދު އަށް އުމަރު ދެމުންގެންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން އެމްޑީޕީ މެންބަރުން އެދަނީ ކެކިއަރަމުންނެވެ. އެހެންކަމުން އެމްޑީޕީއަށް ލޯޔަލް މެންބަރުންގެ ތާއިދު އުމަރަކަށް ނުލިބޭނެއެވެ. އެމެންބަރުންގެ ތާއިދު އުމަރު ހޯއްދަވާނެ ގޮތުގެ ފޯމިއުލާއެއް އުމަރުގެ އަތްޕުޅުގައި ނެތެވެ.
އުމަރު ދެން ވިދާޅުވީ ރައީސް ނަޝީދު ފިޔަވައި އެހެން ބޭފުޅަކު އެމްޑީޕީ އިން ނިކުމެއްޖެނަމަ އެބޭފުޅަކަށް ތާއިދު ކުރާނެ ކަމަށެވެ. ރައީސް ނަޝީދު ފިޔަވައި ދެން އެމްޑީޕީ އިން ރިޔާސީ އިންތިޚާބަށް ނިކުތުން އެންމެ ގާތް އެއްބޭފުޅަކީ އަބްދުﷲ ޝާހިދެވެ. ނަމަވެސް އެއީ އުމަރުގެ ފޭވަރިޓެއް ނޫނެވެ. ޝާހިދު ވެސް އުމަރާއި އެކު ސިޔާސީ ގުޅުމެއް ފައްކާކުރާނެ ކަމަކަމަކަށް ނުބެލެވެއެވެ. ސަބަބުތައް ބައިވަރެވެ. ފުރަތަމަ ސަބަަބަކީ ޑީއާރްޕީ "ހަލާކުކޮށްލަން" އުމަރު އިސްވެ ހުންނަވާ ހިންގެވި ޕްރޮޕެގެންޑާތަކުގެ ސަބަބުން އެންމެ ބޮޑު ސިޔާސީ ގެއްލުމެއް ލިބުނީ ޝާހިދު އާއި ޝާހިދު ވެސް ހިމެނޭ "ޓީމް ތަސްމީން" އަށް ކަމަށް ވެފައި އޮތުމެވެ.
ދެން ހުންނެވީ ރައީސް މައުމޫނެވެ. އުމަރު ނަސީރު ވެރިކަމަށް ގެންނަން ރައީސް މައުމޫން ބޭނުންފުޅުވޭތޯ ސުވާލު ކުރަން އެބަ ޖެހެެއެވެ. އުމަރު ސިޔާސީ މައިދާނުގެ ކުރިއަށް ނެރެ އުމަރު "އިސްތިހާރު" ކުރުމުގެ ޝައުގުވެރިކަމެއް ރައީސް މައުމޫން ގެންގުޅުއްވާތަނެއް ނުފެނެއެވެ. އޭގެބަދަލުގައި ފެންނަނީ ރައީސް މައުމޫންގެ ބޭފުޅަކު ރިޔާސީ ރޭހަށް ނެރުމުގެ ފިކުރު ރައީސް މައުމޫން ގެންގުޅުއްވާތަނެވެ. އަޑުތައް ވެސް އިވެނީ އެގޮތަށެވެ. ފެންނަމުން ދަނީ ވެސް އެމަންޒަރެވެ. އެހެންކަމުން ރައީސް މައުމޫންގެ ތާއިދު ހޯދާ ކެންޑިޑޭޓްގެ ގޮތުގައި އުމަރު ރިޔާސީ އިންތިޚާބުގައި ވާދަކުރުން އެއީ ދުރުގައި އޮތް ކަމެކެވެ.
ދެން އޮތީ އުމަރުގެ ސިޔާސަތުތަކުގެ ވާހަކައެވެ. ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭނެ ސިޔާސަތެއް އުމަރަކަށް ނުދެއްކެއެވެ. ވައިބާ ގްރޫޕެއްގައި ނުވަތަ ޓްވިޓާގައި ދިވެހިން ބޭނުންވަނީ ތެދުވެރި ވެރިއެއް ކަމަށް ބުނެގެން އުމަރަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާނަމަ އެއީ ހުވަފެނެކެވެ.
އެއަށްވުރެ މާވަރުގަދަ ސިޔާސަތުތަކެއް ދައްކުވައިދޭން ޖެހޭނެއެވެ. އަދި ފެންނަ މަންޒަރަށް ބަލާއިރު އުމަރަށް 2018 ގައި ވެސް އޮތީ 2008 ގައި ވެސް ޖެހުނު ހާލަތެވެ. 2008 ގެ ރިޔާސީ އިންތިޚާބުން އުމަރަށް ދަސްވި ފިލާވަޅެއް ނެތެވެ. އުމަރު އަދިވެސް ހަރުކަށިކަމާއި ގަދަބަސް ބުނަނީއެވެ. ޑިޕްލޮމެޓިކް ވިސްނުމެއް އުމަރުގެ ނެތެވެ. އެހެންކަމުން އަދިވެސް ތާސްބަޔަށް ބައްލަވަން އުމަރު އިންނަވަނިކޮށް އިންތިޚާބު ނިމިގެން ދާނީ ބާތިލް ވޯޓަށް ވުރެވެސް މަދުން ވޯޓް ލިބިގެން ކަމަށް ވުން ވަރަށް ގާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ