ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ނ. އަތޮޅަށް ވެސް ފުޅާކޮށްފި

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށް ގެންދާ، ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ނ. އަތޮޅުގެ ސްކޫލްތަކުގައި މިއަދު ފަށައިފި އެވެ.
ނ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި އެ އަތޮޅު ވެލިދޫ ގައި ހުންނަ ޓީއާރުސީ ވީޑިއޯ ކޮންފަރެންސިން ނިޒާމު މެދުވެރިކޮށެވެ. މި ޕްރޮގްރާމުގައި އެ އަތޮޅުގެ ހުރިހާ ޕްރިންސިޕަލުން ބައިވެރިވެ އެވެ.
މި ޕްރޮގްރާމަކީ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދަރިވަރުންގެ ނަތީޖާ ރަގަޅު ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، ވޭތުވެ ދިޔަ އަހަރު ތަކުގައި ސްކޫލްތަކުގެ ވަކި ވަކި ނަތީޖާތަކާއި މެދު މަޝްވަރާ ކުރާނެ އެވެ. އަދި އެ ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތް ތާންގައި ކިޔަވައިދިނުމުގައި ރަގަޅު ކުރަންވީ ކަންކަން ރަގަޅު ކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ވެސް މަހަކު އެއް ފަހަރު ބައްދަލު ކުރާނެ އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތަކެއް ހޯދައި ދިނުމެވެ.
މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ކ. އަތޮޅުގެ ސްކޫލްތަކަށް ހާއްސަ ކޮށްގެންނެވެ. ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ފާހަގަ ކޮށްލެވޭފަދަ ބޮޑު ކާމިޔާބީއެއް މި ޕްރޮގްރާމްގެ ސަބަބުން ވަނީ ހޯދިފަ އެވެ.
މި އަހަރުގެ ތެރޭގައި އއ. އަތޮޅާއި، އދ. އަތޮޅާއި އަދި އައްޑޫ ސިޓީގައި ވެސް މި ޕްރޮގްރާމް ވަނީ ފަށާފައެވެ. އަދި ބ. އަތޮޅަށް މާދަމާ މި ޕްރޮގްރާމް ފެށޭއިރު، ހދ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް ވެސް މި އަހަރު ފެށުމަށް ހަމަޖެހިފައި ވެއެވެ. މި އަހަރުގެ ޕްރޮގަރާމް އަމާޒުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަކަށެވެ. މި ޕްރޮގްރާމަކީ، އެޑިއުކޭޝަން މިނިސްޓާ ޑރ. އައިޝަތު ޝިހާމްގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ