ދިރާގުގެ ބޯޑަށް ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް, ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުالله އަބްދުއްރަހީމް އައްޔަންކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ރޭ ބުނި ގޮތުގައި, އަބްދުﷲ އަބްދުއްރަހީމް ދިރާގުގެ ބޯޑަށް ހަމަޖައްސާފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ.
މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރުކަން ކުރެއްވި އަބްދުﷲ އަބްދުއްރަހީމް އަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ފަހު އެ ދާއިރާގައި މަސައްކަތްވެސް ކުރެއްވި ބޭފުޅެކެވެ.
ޕީސީބީން ރޭ ވަނީ އާސަންދަ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑަށްވެސް ބޭފުޅުން ހަމަޖައްސައިފަ އެވެ.
އެގޮތުން އެޗްޑީސީގެ ބޯޑަށް ހަމަޖައްސާފައި ވަނީ ތ. ވިލުފުށި/ އަބްލަގީގެ, އާމިނަތު ސުވޭޒާ ނައީމެވެ. އާސަންދަ ކުންފުނީގެ ބޯޑަށް ހަމަޖައްސާފައި ވަނީ ފުވައްމުލައް/ މިސްކިތްމަގު, އެލޭއިރި, އަހުމަދު ސަބާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ