ކަރަންޓުގެ ހިދުމަތާއި ޔޫޓިލިޓީ ހިދުމަތް ދިނުމުގެ އިތުރުން ކުންފުންޏަށް ފައިދާ ހޯދުމަށް ބިޒްނަސް ޑައިވާސިފައި (ފުޅާކޮށް) ކޮށް ބައިވަރު އިތުރު ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ މިސްރާބަކަށް ދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޝާރީފް ވަނީ ސްޓެލްކޯ އާ އޭނާ ގުޅިވަޑައިގަންތާ ދެމަސް ދުވަސް ވެފައިވާ އިރު، އެ ކުންފުނި އެހެން ހަރުފަތަކަށް ގެންދެވުމަށް ގިނަ ޕްލޭންތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މިހާރު ސްޓެލްކޯގެ ވިޔަފާރި ފުޅާ ކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި އެކަން ފިނޭންސް މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ކުރަން ނިންމާފައި ހުރި ވިޔަފާރިތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިޒްނަސް ގެ ތެރެއަށް ވަރަށް އަވަހަށް ވަންނާނެ ކަމަށެވެ. ހަމައެއާއެކު ކުރިންވެސް ސްޓެލްކޯއިން ދެމުން އައި ތިން ހިދުމަތެއް / މަސައްކަތެއް ކަމަށް ކަމަށްވާ ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރާއި އަދި ފެން އުފެއްދުން ވެސް ވަކި ތިން ވިޔަފާރިއަށް ހަދާ 3 ކުންފުންގެ ގޮތަށް ހިންގަން ފައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ވެއާހައުސް ވިޔަފާރި ތެރެއަށް ވެސް ވަންނަން ސްޓެލްކޯއިން ހިޔާލު ކުރާ ކަމަށް ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ބިޒްނަސް ގެ ތެރޭގައި މިހާރު ރާވާފައިވާ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެއް ޕްރޮޖެކްޓަކީ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކާއި އަދި ބައެއް ބޮޑެތި ކުންފުނިތަކަށް އަމާޒުކޮށްގެން ހަދަން ނިންމާ އޮފީސް އިމާރާތެއް ކަމަށެވެ. އެ އިމާރާތަކީ 11000 އަކަފޫޓުގެ ބޮޑު އިމާރާތެއް ކަމަށާއި އެ އިމާރާތް ހުންނާނީ މާލޭގައި ސްޓެލްކޯގެ ގޯތިތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އޮފީސް އިމާރާތް ބޭނުން ކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލް ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، އެ އިމާރާތުގެ ފުރަތަމަ ދެ ފްލޯ ބޭނުން ކުރާނީ ސްޓްލްކޯއިން ކަމަށެވެ. ނަމަވެސް ދެން ހުރި ފްލޯތައް ހާއްސަ ކުރާނީ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކާއި އަދި ބައެއް ބޮޑެތި ކުންފުނިތަކުގެ އޮފީސް ސްޕޭސް އަށް ކަމަށެވެ. އެ ގޮތުން ހުރަވީ ބިލްޑިން އާއި ގާޒީ ބިލްޑިންގް ފަދަ ބައެއް ތަންތަނުގައި ހިންގާ އޮފީސްތައް ސްޓެލްކޯގެ އެ ކޮމްޕްލެކްސްއަށް ބަދަލު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ހެޔޮ ބަދަލެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ހަމައެއާއެކު މިހާރު ސަރުކާރުގެ ބޮޑެތި ރަސްމިއްޔާތުތަކާއި މީޓިންތައް ވެސް އަމިއްލަ ތަންތަނުގައި ބާއްވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، އެ އިމާރާތުގައި އެފަދަ މީޓިން އަދި އިވެންޓްތައް ބާއްވަން ހާއްސަކޮށް މީޓިން ހޯލް ހުންނާނެ ކަމަށެވެ. އެގޮތުން ކުރިން ސަރުކާރުގެ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަމުން އައި ދަރުބާރުގެ އިމާރާތް ވެސް ބާވެފައި ވުމުން ސަރުކާރުގެ ކުންފުނީގެ އިމާރާތެއްގައި މީޓީން ބޭއްވޭ ގޮތެއް ހަމަޖެހިގެން ދިޔުމަކީ އެންމެ އައުލާކަން ބޮޑު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި އެ އިމާރާތުގައި ބާއްވާ ޖަލްސާތަކުގައި ސައުންޑްގެ އިތުރުން ޖަލްސާއަށް ތަން ތައްޔާރުކޮށް ދިނުން ވެސް އެ ވިޔަފާރީގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެ އިމާރާތުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ސްޓެލްކޯގެ ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމަށް އިންވެސްޓް ކުރެވޭ ވަރަށް އެ ކުންފުނީގެ ކޭޝްފްލޯ އެބަ ހުރި ކަމަށާއި އަދި އެ މަސައްކަތަށް އެއްވެސް ތަނަކުން ލޯނެއް ނެގުމުގެ ހިޔާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ބިޒްނަސްއާ ގުޅޭ ގޮތުން ކުރައްވާފައި ހުރި ޕްލޭންތަކުގެ ވާހަކަ ދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ، އެ ބިޒްނަސްގެ ތެރެއިން ރަނގަޅު ފައިދާއެއް ލިބޭ ކަމަށް ވާ ނަމަ ލަގްޒަރީ ހައުސިންގެ ބިޒްނަސް ގެ ތެރެއަށް ވެސް ސްޓެލްކޯ ވަނުމުގެ ވިސްނުމެއް އޮތް ކަމަށެވެ. މީގެ ކުރިން އެ ކުންފުނިން މިހާރު ހިންގާ ސްޓާފް ހައުސިން ޕްރޮޖެކްޓަކީ ވެސް ވަރަށް މަގްބޫލް ޕްރޮޖެކްޓެއް ކަމަށާއި ސޯޝަލް ހައުސިންއަށް ފަހު ދެން ލަކްޒަރީ ހައުސިންއަށް ދިއުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އޮތީ ޕްލޭނިން މަރުހަލާއެއްގައި ކަމަށާއި ދިރާސާތައް ކުރުމަށް ފަހު އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޔަފާރިތަކެއް ކުރަން އެ ކުންފުނިން ވިސްނުމަކަށް ދާން ޖެހުނު މައިގަނޑު ސަބަބު ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން މެނުވީ ކަރަންޓްގެ ބިލްގެ އަގުތަކާ ދޭތެރޭ އިތުރު ވިސްނުމަކަށް ދެވެން ނެތުން ހިމެނެއެވެ. ކަރަންޓުގެ އަގު ސަބްސިޑައިޒް ކުރަން ސަރުކާރަށް ބަރޯސާ ނުވެ ކުރިއަށް ދެވެން އޮތީ ކުންފުނި އެހެން ހަރުފަތަކަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮތަށް އާމްދަނީ އިތުރު ކުރަން ނިންމީ ރައްޔިތުންނަށް ދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ޓެރިފް އަގަށް ބަދަލު ގެނެވިދާނެ ކަމަށާއި އަތޮޅުތެރެއާއި މާލޭގެ ކަރަންޓުގެ އަގު އެއްވަރު ކުރެވިދާނެ ކަމާއި އަދި ވެސް ރައްޔިތުންނަށް ފައިދާ ވާނެ އިތުރު ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ދެކިވަޑައިގަންވާ ގޮތުގައި ސްޓެލްކޯގެ މުސްތަގްބަލް ވަރަށް ވެސް އުޖާލާއެވެ. އެ ތަސައްވުރާ އެކު ސްޓެލްކޯ ކުރިއަށް ގެންދެވިއްޖެ ނަމަ އެ ކުންފުނި އިތުރަށް ފުޅާވެ، ކުންފުންނަށް ފައިދާ ވެގެން ދިޔުމަކީ ރައްޔިތުންނަށް ވެސް އެތައް ފައިދާތަކެއް ލިބޭނެ ކަމެކެވެ. އަދި ގިނަ ދާއިރާތަކުން ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމީ ވަޒީފާގެ ފުރުސަތު ބޭނުންވެފައި ތިބި އަދުގެ ޒުވާނުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ގަބޫލު ކުރައްވައެވެ.
ސަރުކާރަށް ބަރޯސާ ނުވެ ކަރަންޓް ސަބްސިޑައިޒް ކުރެވޭނީ ވިޔަފާރި ފުޅާކޮށްގެން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ