ފަނޑިޔާރުންނަށް، ފަނޑިޔާރުގެ އަމިއްލަ އަށް އިސްލާހުކުރަން ލިބުނު ފުރުސަތު ވަނީ ފާއިތުވެގޮސްފައި ކަމަށާއި މަޑުން ތިބުމަށްވުރެ އިތުރު ގޮތެއް ދެން ނެތް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ އަމަލުތަކަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ނަން ވިދާޅުނުވެ ނަމަވެސް ސުޕްރީމް ކޯޓަށް އަމާޒުކުރައްވާ ހާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު އެ މުހިއްމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ އިތުބާރު އޮތް މުއައްސަސާތަކާއި ކަމަށެވެ.
އެ މަސައްކަތްތަކަށް އެއްބާރުލުމާއި މަދަދުވެރިކަން ދީގެން މަޑުން ތިބުމަށް ވުރެ، ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް އޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާތިފް އަކީ ސިވިލް ކޯޓުގެ އެންމެ ތަޖުރިބާކާރު އެއް ފަނޑިޔާރެވެ. އޭނާ ސިވިލް ކޯޓަށް އައްޔަން ކުރެއްވީ 2009 ވަނަ އަހަރު އވެެ.
ހާތިފް ސުޕްރީމް ކޯޓަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރެއްވިއިރު ފަނޑިޔާރުންނަށް މީސް މީޑިއާގައި އެއްވެސް ކަމަކާއި ހިޔާލުފާޅުނުކުރެވޭނެ ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.
އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ 11 ވަނަ ނަމްބަރު ބުނާ ގޮތުން އެއްވެސް ފަރާތަކުން ދައްކާ ވާހަކައަކަށް ރައްދު ދިނުމަށްޓަކައި ނުވަތަ ޚިޔާލު ފާޅުކުރުމަށްޓަކައި މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ސީދާ ރައްދު ދިނުން ފަނޑިޔާރުންނަށް މަނާ ކުރާތީ އެވެ. އެމާއްދާ ބުނާ ގޮތުން މައްސަލަތަކަށް ފަނޑިޔާރަކު ޖަވާބު ދެއްވަން ޖެހޭނީ ނުވަތަ ޚިޔާލެއް ފާޅުކުރައްވަން ޖެހޭނީ ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފްގެ ފާޑުކިޔުން ސުޕްރީމް ކޯޓަށް އަމާޒުވިއިރު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ މިހާރު ވެސް ޖޭއެސްސީގައި އެބައޮތެވެ. އޭގެތެރެއިން އެއް ފަނޑިޔާރު ކަމަށްވާ އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފައެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ