ވޭތުވެދިޔަ ހަތަރު މަހު އަލިފާނުގެ 86 ހާދިސާއެއް، ސަމާލުވުމަށް އިލްތިމާސް ކޮށްފި

ވޭތުވެ ދިޔަ ހަތަރު މަސްތެރޭ އަލިފާނުގެ 86 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިދުވަސްވަރު އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާތީ އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ. ފަޔާ އެންޑް ރެސްކިއު އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު މަސްތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާ ކަމަށާއި އޭގެތެރެއިން އެންމެ ގިނައީ ކަރަންޓްގެ ސަބަބުންނާއި ކައްކަން އުދާފައި ބެހެއްޓުމުގެ ސަބަބުން އަލިފާން ރޯވުމުގެ ހާދިސާތައް ކަމަށެވެ. ވޭތުވެ ދިޔަ ހަތަރު މަހުގެ ފަޔާ އެންޑް ރެސްކިއުއަށް 4508 ކޯލް ލިބިފައިވާކަން ފާހަގަކޮށް އަބްދުﷲ އިބްރާހިމް ވިދާޅުވީ، އޭގެތެރެއިން 446 ކޯލަކީ މައުލޫމާތު ސާފުކުރުމަށް ކޮށްފައިވާ ކޯލްތަކެއް ކަމަށެވެ. އަދި ހަގީގީ ހާދިސާއެއް ރިޕޯޓް ކުރުމަށް ކޮށްފައި ވަނީ 153 ކޯލު ކަން އަބްދުﷲ އިބްރާހިމް ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަރަންޓް ބޭނުންކުރައްވާއިރު ސޮކެޓް އޯވަލޯޑް ނުވާ ގޮތަށް އެ ކަރަންޓްގެ ބޭނުން ކުރެއްވުމަށް. ތުރީ ޕިންގެ ބަދަލުގައި ބާ އެޑެޕްޓަރު ބޭނުން ކުރެއްވުމަށް. އިމާރާތުގެ ކަރަންޓް ވަޔަރިން މަދުވެގެން އަހަރަކު އެއްފަހަރު ޗެކް ކުރެއްވުމަށް،" އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަވްޝަން އިލްޔާސް އިމާރާތްތަކުގެ ކަރަންޓް ވައިރާއި އަމިއްލަ އަށް ކުޅެ އިތުރު އެއްޗިހިތައް ގުޅުމުން އެއަށް ލޯޑް ބޮޑުވެގެން ގޮސް އަލިފާނުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް އަބްދުﷲ އިބްރާހިމް ވަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. "އެހެންވީމާ ކަރަންޓާ ގުޅުން ހުރި މިފަދަ ހާދިސާތަކުގައި ރައްކާތެރިކަމާ އެކު ކަރަންޓް ބޭނުން ކުރެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސް ކުރަން،" އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ. އަލިފާނުގެ ހާދިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ފަޔާ އެންޑް ރެސްކިއު އާއި އެމްއެންޑީއެފްގައި އުފައްދާފައިވާ އޭރިއާ ކޮމާންޑްތަކުން އެކި ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ. "އެގޮތުން ފަޔާ އެވެއާނަސް 49 ޕްރޮގްރާމެއް ހިންގައި 2063 ބައިވެރިޔަކަށް އަލިފާނާ ބެހޭ މައުލޫމާތު ވަނީ ދެވިފައި،" އަބުދުﷲ އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ