ބޮން ގޮއްވާލި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ: ލަންކާ ޑިފެންސް

މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގައި ޖާނުންފިދާވެގެން ބޮން ގޮއްވި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް އެގައުމުގެ ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވެއްޖެއެވެ.
"އީސްޓާ ސަންޑޭ" ފާހަގަ ކުރުމަށް އެތައް ބަޔަކު ޖަމާވެފައިވަނިކޮށް ތިން ފައްޅި އެއްގެ އިތުރުން ކޮލަމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ 359 އަކަށް އަރާފައެވެ. އަދި އެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 60 މީހުން އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މީޑިއާތަކާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިޖެވަރްދަނާ ވިދާޅުވީ ސަލާމަތީ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ބޮމުގެ ހަމަލާ ދިން އެންމެންނަކީ ވެސް މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހުން ކަމަށާއި އޭގެ ތެރޭން އެކަކު ވަނީ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ތައުލީމް ހާސިލްކޮށްފައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ޖާނުންފިދާވުމުގެ ހަމަލާ ދިނުމުގައި ނުވަ މީހުން ބައިވެރިވި. މީގެ ތެރޭން އަށް މީހުން މިހާރު ވަނީ ދެނެގަނެވިފައި. މީގެ ތެރެއިން އެކަކީ އަންހެނެއް. އަދި ހަމަލާދިން މީހުން ބޭނުންކުރި ދެ ތަނެއް މިހާރު ވަނީ ހޯދިފައި." އޭނާ ވިދާޅުވިއެވެ.
ލަންކާގައި ދިން ހަމަލާގެ ޒިންމާ އިއްޔެ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާއިރު، ޖާނުންފިދާވެ ދިން އެ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބުނާ ހަތް މީހަކު ބައިއަތު ހިފާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އައިއެސް އިން ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ލަންކާގެ ސަރުކާރުން ބުނާގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ